ކިތަންމެ މަސައްކަތެއް ކުރިޔަސް ބައިވެރިޔާ ކޮންޓްރޯލެއް ނުކުރެވޭނެ! ތިމާގެ ނަފްސް ކޮންޓްރޯލްކުރެވޭނީ އެކަން ﷲ ތަޢާލާގެ ޙަޟްރަތަށް ދޫކޮށްލުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކިތަންމެ މަސައްކަތެއް ކުރިޔަސް ބައިވެރިޔާ ކޮންޓްރޯލެއް ނުކުރެވޭނެ! ތިމާގެ ނަފްސް ކޮންޓްރޯލްކުރެވޭނީ އެކަން ﷲ ތަޢާލާގެ ޙަޟްރަތަށް ދޫކޮށްލުމުން!

އެއްވެސް މީހެއްގެ މައްޗަށް ގަދަކަމުން ބާރުހިންގުމަކީ ކަންކަން ކާމިޔާބުކުރެވޭނެ ގޮތެއް ނޫނެވެ. ވީމާ އެއްވެސް މީހަކު ކޮންޓްރޯލްކުރުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ޙަޔާތުގެ ބައިވެރިޔާވެސް ކޮންޓްރޯލެއް ނުކުރެވޭނެއެވެ.  

މީގެ މާނައަކީ ބައިވެރިޔާ އުޅެން ބޭނުންވާހައި ގޮތަކަށް އުޅެން ރުހިގެން ހުރުމެއް ނޫނެވެ. އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ. ނުރަނގަޅު މަގަކުންދާނަމަ ނަޞީޙަތްދޭންވާނެއެވެ. ދެންވެސް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންޖެހޭނެއެވެ.  

މިބުނަނީ ކިތަންމެ ރަނގަޅު ނަޞީހަތް ދިންނަމަވެސް ޤަބޫލުކުރުމާއި ނުކުރުން އޮތީ އަނެކާގެ އަތްމަތީގައެވެ. ކިތަންމެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިނަމަވެސް ބަލައިގަތުން އޮތީ އަނެކާގެ އަތްމަތީގައެވެ. ކިތަންމެ ވަރުގަދަ އަމުރުތަކެއް ކުރިނަމަވެސް ކިޔަމަންވުންވެސް އޮތީ އަނެކާގެ އަތްމަތީގައެވެ. 

ވީމާ މިވެނިކަމެއް ކުރުމުން ބައިވެރިޔާ ކޮންޓްރޯލް ކުރެވޭނެކަމަށް ޔަޤީންނުކުރާށެވެ! ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށްފަހު ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! އެއިރުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ ބައިވެރިޔާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އެކަމުން ތިބާއަށް ގެއްލުމެއް ނުލިބުމެވެ. ވަކީލްކުރާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތީއެވެ. 

މިވާހަކަކޮޅު ބުނެލަން މިޖެހުނީ ބައިވެރިޔާ ކޮންޓްރޯލްކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ދަނިކޮށްވެސް ބައިވެރިޔާ ވަކިވުމުން އެކަމުން ކުރާ އަސަރު ބޮޑުވެ ތިމާގެ ކަންކަން ކޮންޓްރޯލުން ނެއްޓިގެންދާތީއެވެ. އެގޮތަށް އެކަން މެދުވެރިނުވާނީ މިދިން ނަޞީޙަތް ޤަބޫލުކޮށް ޢަމަލުކުރީމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން