ރުޅިއައުމާއެކު ދުލުން ނުބައިބަސްތައް ބުނާ މީހަކާ ކައިވެނިކުރުމަށްވުރެ ބޮޑު ދެރައެއް ނުލިބޭނެ! ނަމަނަމަ އެފަދަ މީހަކާ ކައިވެނި ނުކުރާތި!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރުޅިއައުމާއެކު ދުލުން ނުބައިބަސްތައް ބުނާ މީހަކާ ކައިވެނިކުރުމަށްވުރެ ބޮޑު ދެރައެއް ނުލިބޭނެ! ނަމަނަމަ އެފަދަ މީހަކާ ކައިވެނި ނުކުރާތި!: ޝައިޚް ޢާޞިމް އަލްޙަކީމް

އެމީހަކާއިއެކު ދިރިއުޅެގެން އެއްވެސް ހަމަޖެހުމެއް ނުލިބޭނެ މީހުންނަކީ ރުޅިއައުމުން ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުންނެވެ. އެއިގެ ތެރެއިން ދުލުން ނުބައިބަސްތައް ބުނާ މީހުންނެވެ.  

އަހުރެންގެ ގާތަށް އައި އެކަކު ބުންޏެވެ. "ޝައިޚް އެވެ! ވަރަށް ބޮޑު ގޯހެއް ހެދިއްޖެއެވެ. ރުޅި ކޮންޓްރޯލް ނުކުރެވި މަތިމައްޗަށް އަނބިމީހާ ވަރިކުރެވިއްޖެއެވެ. މިކަމުން ސަލާމަތްވާން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟"  

އަހުރެންނަށް ބުނަންޖެހުނީ ފުރަތަމަ ކަމަކަށް ރުޅި ކޮންޓްރޯލް ދަސްކޮށް ޝައިޠޯނާގެ ކިބައިން ސަލާމަތްވެގެން އަންނާށެވެ. އެކަން ނުކުރެވޭ މީހަކަށް ދޭ ނަޞީޙަތަކުން ކުރާނެ ފައިދާއެއް ނެތެވެ. އެކަމަށް ކުރަން އޮތް ފުރަތަމަކަމަކީ ކުރާ ނަމާދަށް ފަރުވާތެރިވެގެންހުރެ ނަމާދުކުރުމެވެ. ސުންނަތް ނަމާދުތައް ކުރުމެވެ. އެކަމުގައި ޘާބިތުވެވިއްޖެނަމަ ޝައިޠޯނާގެ ކިބައިން ސަލާމަތްވެވުން ގާތްވާނެއެވެ. އިން ޝާ ﷲ  

އެމީހުންނަކީ ބަޑިހިފައިގެން އުޅޭ ޓަރަރިސްޓުން ފަދަ ބައެކެވެ. ހިތަށް އަރާއިރަށް ބަޑިޖަހަންފަށާނެއެވެ. އެމީހުންގެ ބަޑިން ނުކުންނާނީ ވަޒަނެއް ނޫނެވެ. "ވަރިކޮށްފިން ވަރިކޮށްފިން! ތިބާގެ މަންމަ! ތިބާގެ ބައްޕަ!" މިހެންގޮސް އެއްވެސް އަޚަލާޤެއް ހުރި މީހެއްގެ ކިބައިން އަޑުއިވޭނެ ހުރިހާ ބަސްތަކެއްގެ އަޑެވެ.  

އެހެން ޙާދިސާއެއްގެ ވާހަކަވެސް ބުނެލާނަމެވެ. އެއްދުވަހަކު އައި މީހަކު ބުނީ ރުޅި ކޮންޓްރޯލުނުކުރެވިގެންގޮސް ރުޅިމަތީގައި ހުރެ 20 ފަހަރު އަނބިމީހާ ވަރިކުރެވިއްޖެކަމަށެވެ. އެހެންވެ މިއައީ ދެން ކުރެވޭނެ ކަމަކީ ކޮބައިކަން އޮޅުންފިލުވާށެވެ! އެމީހަށް ބުނީމެވެ. "އަވަހަށް މިސްކިތަށްދާށެވެ! ވުޟޫކޮށްގެން މިސްކިތަށް އަރައި ޚުޝޫޢަތްތެރިކަމާއެކު 2 ރަކްޢަތުގެ 20 ނަމާދުކޮށްގެން އަންނާށެވެ! އިތުރަށް ވާހަކަދައްކާނީ އެއިރުންނެވެ."  

އަންހެން ކުދިންނަށް ބުނެލަން އޮތީ އެހެން ހުރިހާ ކަމެއް ފުރިހަމަޔަސް ރުޅި ކޮންޓްރޯލްނުކުރެވޭ މީހަކާއި ކައިވެނިނުކުރާށެވެ! މައިންބަފައިންނަށް ބުނެލަން އޮތީ ރުޅި ކޮންޓަރޯލް ނުކުރެވޭ މީހަކާއި ދަރިން ކައިވެނިނުކުރުވާށެވެ! އެއީ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެތީއެވެ.

 

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން