މިއުންމަތުގެ ކޮންމެ މީހަކުވެސް ބުނާނީ ތިމާ މިހުރީ ކީރިތި ޤުރްޢާނާއި ސުންނަތް ޤަބޫލުކޮށް އެންމެ ފުރިހަމަ ގޮތުގައި އީމާންވެގެން ކަމަށެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ ﷲ ތަޢާލާ އެއްކައުވަންތަކޮށްލުމުން ނުވަތަ ޝަހާދަތުގެ ދެކަލިމަ ދުލުންކިޔައި މާނަ ޤަބޫލުކޮށްލުމުން މިހުރެވެނީ އީމާންވެގެންނެވެ.
އެކަން ވިސްނަންވީ މިގޮތަށެވެ. ކަންތައްތަކެއް ކުރުމަށް އެއްބަސްވެ އެއްބަސްވުމެއްގައި ސޮއިކުރަނީއެވެ. އެއްބަސްވުމުގެ މުއްދަތު ފާއިތުވާއިރުވެސް ޢަމަލުނުކުރާނަމަ އެއްބަސްވުމުގައި ސޮއިކުރިކަމުން ކުރާނެ ފައިދާއަކީ ކޮބައިހެއްޔެވެ؟
ﷲ ތަޢާލާއަށް އީމާންވުމަށްފަހު ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދު ކުރަންޖެހެއެވެ. އެކަން ނުކުރެވޭނަމަ ތިމާވީ އިޤްރާރުގެ ބާރު އެއޮތީ ކެނޑިފައެވެ. އެއްބަސްވުން ފުރަތަމަވެސް ފޭލްވީއެވެ.
އިސްލާމް ދީނަށް ޢަމަލުނުކުރެވޭ މީހުން ވިސްނައިލަންވީ މިކަންކަމަށެވެ.
އަހުރެން އިސްލާމްވީ ހަމަ ހުރެފައި ކަމެއް ކުރުމަކަށް ނޫނެވެ. ކީރިތި ޤުރްއާން އުނގެނި، ޤަބޫލުކޮށް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެންނެވެ. ކީރިތި ޤުރްއާން ޤަބޫލުކޮށްގެން ﷲ ތަޢާލާއަށް އީމާންވުމަށްފަހު އެފޮތުގައިވާ އެއްޗެއް ޤަބޫލުނުކޮށް އަދި ޢަމަލުނުކުރާނަމަ އިސްލާމްވާންވީ ބޭނުމެއް ނުވިސްނެއެވެ. އެހެންވެ އަހުރެން މިދަނީ ވީހާފުރިހަމައަށް ޤުރްއާނަށް ޢަމަލުކުރަމުންނެވެ.
އަހުރެން އިސްލާމްވާން ނިންމި އެންމެ ބޮޑު ސަބަބަކީ ކްރިސްޓިއަނުން އެމީހުންގެ ދީނަށް ޢަމަލުކުރާ ގޮތެވެ. އާދީއްތަ ދުވަހު ފައްޅިއަށްދާނެއެވެ. އެކަމަކު ހަފްތާގެ ދުވަސްތަކުގައި ކުރަނީ ބައިބަލްގައި ކުރުން މަނާކޮށްފައިވާ ކަންކަމެވެ. ހަފްތާ ބަންދު އައުމުން އިމުންނައްޓައި މާމައްޗަށް ކަންކަން ގެންދެއެވެ.
އަހުރެންނަށް ވިސްނުނީ މިއީ އެއްވެސް ގޮތަކުން ހަމަޖެހޭ ކަންކަން ނޫންކަމަށެވެ. ދީނަކަށް އުޅޭނަމަ އެދީނުގެ ފޮތަށް ޢަމަލުކުރަންޖެހޭނެ ކަމެވެ.
މިއީ އަލަށް އިސްލާމްވި އަންހެނަކު އޭނާގެ އަމިއްލަ ވިސްނުމަށް ބުރަވެ ބުނެފައިވާ ބަސްކޮޅެކެވެ. މިބަސްކޮޅަށް ބަލައި ވިސްނައިފިނަމަ ޙައިރާންކަން ނުލިބެންވީ ސަބަބެއް ނެތެވެ. އެހެން މިބުނަނީ އަހުރެމެން މުސްލިމުންނަށް މިއަދު ޢަމަލުކުރެވެމުން މިދާ ގޮތުންނެވެ.
ކްރިސްޓިއަނުން އުޅޭ ގޮތްކަމަށް ބުނެ އޭނާ އެ ސިފަކުރާ ގޮތަށް އުޅެމުން އަންނަ މުސްލިމުން މަދީހެއްޔެވެ؟ ހަމައެކަނި ހުކުރަށްދާ ފިރިހެނުންނާއި ހުކުރަށް ނުދާ މީހުންވެސް މަދީހެއްޔެވެ؟ ހަފްތާގެ ކޮންމެ ދުވަހަކު ބޮޑެތި ފާފަތަކަށް އަރައިގަންމުންދާ މީހުން މަދީހެއްޔެވެ؟
ދުޢާއަކީ ހުރިހާ މުސްލިމުންނަށްވެސް ހެޔޮ ވިސްނުން ދެއްވެވުމެވެ. ސުވަރުގެ ވައްދަވާނެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމުގެ ތައުފީޤް ދެއްވެވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން