ޢިބްރަތްތެރި ވާހަކަ: ދިމާވިގޮތުން ކައިވެނި ނުކުރެވުނީމާވެސް ހަސަދަވެރިނުވެ ލޯބިވެރިޔާއަށް ނިކަމެތި ޙާލަތެއް ކުރިމަތިވުމުން ސިއްރުން އެހީތެރިވެދިން މީހަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޢިބްރަތްތެރި ވާހަކަ: ދިމާވިގޮތުން ކައިވެނި ނުކުރެވުނީމާވެސް ހަސަދަވެރިނުވެ ލޯބިވެރިޔާއަށް ނިކަމެތި ޙާލަތެއް ކުރިމަތިވުމުން ސިއްރުން އެހީތެރިވެދިން މީހަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އަމިއްލަ އެދުމެއްގަ ނޫން ގޮތަކަށް އެއްވެސް މީހަކަށް އެހީތެރިވެދާނެތަ؟ މިއީ ވަރަށް ގިނައިން ކުރެވޭ ވަރަށް މުހިންމު ސުވާލެކެވެ. މިހާރަކަށް އައިސް އެދުމެއް ނެތި ވެދުންކުރާ މީހުން ވަރަށް މަދުވެއްޖެއެވެ. ނަމަވެސް އެފަދަ މީހުންވެސް އެބަ އުޅެއެވެ. ތިރީގައި އެވަނީ އެފަދަ މީހެއްގެ ވާހަކައެވެ. އެއްވެސް ވަރަކަށް އަމިއްލަ އެދުމެއް ނެތި އެހީތެރިވުމުން  އޭނާލިބުނު ބޮޑުކުރިއެރުމުގެ ވާހަކައެވެ. 

އެއީ އަހަރެންގެ ފުރަތަމަ ލޯބިވެރިޔާއެވެ. އަހަރެންނަށް ފުރަތަމަ ލޯބިވެވުނީ އޭނާ ދެކެއެވެ. އެއިރު އަހަރެންގެ އުމުރަކީ އެންމެ 20 އަހަރެވެ. މިހާރު އަހަރެންގެ އުމުރަކީ 58 އަހަރެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާއަށް ވެވުނު ލޯބި ހަމަ އެގޮތަށް އަދިވެސް އެބައޮތެވެ. 

އަހަރެމެންނަށް ލޯބިވެގެން އުޅެވުނު މުއްދަތު ވަރަށ ކުރެވެ. އެންމެ 2 އަހަރެއްހައި ދުވަހެވެ. ޖެހުނީ ވަކިވާށެވެ. ސަބަބަކީ އަހަރެންގެ ފަޤީރުކަމެވެ. ރާއްޖެތެރޭ ކުއްޖެއް ކަމެވެ. އަމިއްލަ ގެދޮރު ނެތްކަމެވެ. ތަނަވަސްކަން ނެތުމެވެ. އެކަމުގައި އަހަރެން އޭނާ ކުށްވެރިއެއްވެސް ނުކުރަމެވެ. އޭނާއަށް ވެސް އެއިރު މައިންބަފައިންގެ ބަހަށް ދީލައިލަން މަޖުބޫރެވެ. ވީމާ ހިތުގައި އެއްވެސް ޙަސަދަވެރިކަމެއް އެއްވެސް އިރަކު ނުބާއްވަމެވެ. 

ގެދޮރާއި ތަނަވަސްކަމަކީ އެކަމަށް އެދިގެން ޙައްޤުގޮތުގައި މަސައްކަތްކުރުމުން ﷲ ތަޢާލާ ދެއްވަވާ އެއްޗެކެވެ. އަހަރެން ފުރަތަމަ މަސައްކަތް ފެށީ ވަރަށް އާދައިގެ ވަޒީފާއެއްގައެވެ. އެއީ ފިހާރައެއްގެ ކާތިބުކަމެވެ. އެމަސައްކަތުގައި އުޅުނު ދުވަސްވަރު ވެސް ދިއައީ އަމިއްލަ މަސައްކަތެއް ކުރަން ވިސްނަމުންނެވެ.

ފިހާރައިން ބޭންކަށް ފައިސާޖަމާކޮށް ފައިސާ ނަގަން ގޮސްއުޅެނީ އަހަރެންނެވެ. އެގޮތަށް އުޅުމުގެ ތެރޭގައި ބޭންކުގެ އޮފިސަރަކު އަހަރެންނަށް އެހީތެރިވިއެވެ. އޭނާ އަހަރެންނަށް 100،000 ރުފިޔާގެ އޯވަޑްރާފްޓެއް ހަމަޖައްސައިދީފައި އަމިއްލަ ވިޔަފާރިއެއް ފަށަން ހިތްވަރުދިނެވެ. އޭނާގެ ކިބައިން ހިތްވަރު ލިބި ކުޑަފިހާރައެއް ހުޅުވީމެވެ.

ކުރުކޮށްލަމާ ހިނގާށެވެ! އުމުރުން 45 އަހަރުވީއިރު އަހަރެންގެ ދެފިހާރައިގެ ދުވަހު ސޭލްސްއަށް ޢާންމުގޮތެއްގައި ގިނަ އަދަދެއްގެ ރުފިޔާ ލިބެއެވެ. މާލެއިން 1000 އަކަފޫޓުގެ ބިމެއް ގަނެ 7 ބުރިއަށް ގެއެއްވެސް އެޅިއްޖެއެވެ. 5 ދަރިންވެސް ލިބިއްޖެއެވެ.

އެކުގައި ސްކޫލްގައި އުޅުނު ދަރިވަރަކުގެ ކިބައިން އެދުވަސްވަރު އެނގުނީ އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ ވަރަށް ބަލިވެ އުޅޭކަމާއި ރާއްޖެއިން ބޭރަށް ދާންޖެހި އަތުގައި ފައިސާ ނެތިގެން ނުދެވިގެން އުޅޭކަމެވެ. ވަގުތުން އަހަރެންގެ ހަނދާނަށް އައީ ލޯބިން އެކުގައި އުޅެވުނު ދުވަސްތަކެވެ. އެހެންވެ އެކުވެރިޔާ މެދުވެރިކޮށް އޭނާއަށް އެހީތެރިވީމެވެ. ރާއްޖެއިން ބޭރަށް ފޮނުވައި ބޭސްފަރުވާކޮށްދިނީމެވެ.

ނަމަވެސް ބައްދަލެއް ނުކުރަމެވެ. އޭނާއަކީ އެއިރު 4 ދަރިންގެ މަންމައެވެ. ފިރިއަކު ހުއްޓެވެ. ވީމާ އެހީއެއް ހިފައިގެންވެސް ގޮސް ބައްދަލުކުރުމަކީ ރަނގަޅުކަމަކަށް ނުވެދާނެކަމަށް ބަލައިގެންނެވެ. އަދި ސިއްރުން ކުރާ ޞަދަޤާތުގައި ބަރަކާތް އިތުރުވާނެކަން ޤަބޫލުކުރެވޭތީއެވެ.

އެކަންވީވެސް ހަމައެހެންނެވެ. އޭނާގެ ބޭސްފަރުވާއަށް ހީވެސް ނުކުރެވޭހައި ގިނަ ފައިސާ ޚަރަދުކުރީމެވެ. އަހަރެއްހައި ދުވަހު ރާއްޖެއިން ބޭރުގައި ބަހައްޓަންޖެހުނީތީއެވެ. ސަބަބު ބުނާކަށް ނުއެނގެއެވެ. އެބޮޑު ޚަރަދުކުރިކަން އަހަރެންނަށް ލިބޭ އާމްދަނީއަކުން ނުއެނގެއެވެ. މަދުވެގެން އުޅޭކަށް ނުޖެހުނެވެ. އަދި އޭނާ ގަދަވެގެން މާލެ އައިތާ މާގިނަ ދުވަހެއް ނުވެ ފެށުނު އިތުރު ވިޔަފާރިއަކުން ހީވެސް ނުކުރާހައި ފައިދާ މިހާރުވެސް އަންނަނީ ލިބެމުންނެވެ.

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ފަށަމުން ބުނިފަދައިން އަދިވެސް އޭނާއަކީ އަހަރެންގެ ހިތުގެ ރާނީއެވެ. ނަމަވެސް އެއީ ހަމަ ސިއްރެކެވެ. ދުވަހަކުވެސް ދެން އެވާހަކަ އޭނާގާތު ބުނާކަށް ބޭނުމެއްވެސް ނޫނެވެ. ކިޔުންތެރިންނަށް ބުނެލަން އޮތީ ދިމާވާ ގޮތަކުން އެންމެ ލޯބިވާ މީހާ ބައިވެރިއަކަށް ނުލިބުނު ނަމަވެސް އެކަމަށް ހަސަދަވެރިނުވާށެވެ! އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ފުރުޞަތެއް ލިބިއްޖެނަމަ އެއްވެސް އަމިއްލަ އެދުމެއް ނެތި އެކަން ކޮށްދޭށެވެ! ﷲ ތަޢާލާގެ ރަޙަމްތަށް އެދޭށެވެ! ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ

 

 

 

- މަންޞޫރު/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން