ބަލިޙާލެއްގަ އުޅެންޖެހި ވޭންއެޅުމަކީވެސް ލައްވަވާ ބޮޑު ރަޙްމަތެއް! ފާފަތަކުން ސަލާމަތްވެވި ތިބާގެ ދަރަޖަ ދާނީ މަތިވެރިވަމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބަލިޙާލެއްގަ އުޅެންޖެހި ވޭންއެޅުމަކީވެސް ލައްވަވާ ބޮޑު ރަޙްމަތެއް! ފާފަތަކުން ސަލާމަތްވެވި ތިބާގެ ދަރަޖަ ދާނީ މަތިވެރިވަމުން! އިން ޝާ ﷲ

އެއްވެސް މީހަކީ ބައްޔެއްގައި އުޅެން ބޭނުންވާނެ މީހެއް ނޫނެވެ. ނަމަވެސް ބަލިވުމަކީވެސް ދުނިޔޭގެ ސުންނަތެކެވެ. ވީމާ ކޮންމެ މީހަކުވެސް ބަލިވާނެއެވެ. އެކި މީހުންނަށް ޖެހޭނީ އެކިބަލިތަކެވެ.  

ބަލިޙާލެއްގައި އުޅެންޖެހުނަސް ޝިފާ ނުލިބިގެން ލަސްވެ ޝަކުވާ ނުކުރާށެވެ! މިގޮތަށްވެސް ވިސްނައިލާށެވެ! ތިބާ އޮތީ ބަލިވެ ހޮސްޕިޓަލުގައެވެ. އިންތިހާއަށް ކަރު ހިއްކައިފައެވެ. ބޭނުންވަނީ އައިސް ފެންފޮދެކެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު އައިސް ފެން ޑޮކްޓަރު ހުއްދަނުކޮށްފާނެއެވެ. އަދި ބައެއް ޙާލަތްތަކުގައި އެންމެ ފެން ފޮދެއްވެސް ނުދީވެސް ބާއްވައިފާނެއެވެ. ތިބާ އިންތިހާއަށް އެކަމަށް އެދޭއިރުގައިވެސްމެއެވެ. އެއީ އައިސްފެން ދިނުމަށްވުރެ ނުދިނުމުން ތިބާއަށް ފައިދާކުރާނެތީއެވެ.  

ޝިފާ ދެއްވެވުމުގައިވެސް މިމޭރުމުން ވިސްނާށެވެ! އަހަރެމެންނަށް އެންމެ ފައިދާހުރިގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތަކު ޝިފާ ދެއްވަވާނެތެވެ. ހަމަ އެއާއިއެކު ގަދަ ވޭނެއްގައި އުޅެން ޖެހުމަކީ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ. ވީމާ ވޭން އެޅުމަކީ ޝަކުވާކުރަންވީ ކަމެއް ނޫނެވެ. ކެތްތެރިވެ ދުޢާކުރުން އިތުރުކުރަން ޖެހޭ ކަމެކެވެ.  

ބަލިވުމުން ޝިފާ ހޯދަން ސަބަބުތަކުގައި ހިފައިގެން މަސައްކަތްކުރަން ޖެހޭނެއެވެ. ހަމަ އެއާއެކު ދުޢާކުރުން ގިނަކުރަންވެސް ޖެހޭނެއެވެ. އަދި ޞަދަޤާތް ދެވެން ހުރިނަމަ ޞަދަޤާތް ދިނުންވެސް އިތުރުކުރާށެވެ! ޖުމުލަ ގޮތެއްގައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހުރިހާ އަމަލުތަކެއްވެސް ކުރާށެވެ.

 

- އުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން