އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް އެންމެ ބޮޑަށް ފޭލްވެވެމުން މިދަނީ ތިމާ މަރުވާނެ ވަޤުތަށް އިންތިޒާރުކުރުމުގައެވެ. ނުވަތަ ތައްޔާރުވުމުގައެވެ. ހިތާމައަކީ އެވަޤުތު ތިމާއާއި ބައްދަލުކުރާނީ މިއަދު ނޫންކަންވެސް ނުއެނގޭއިރު އެކަމަށް އިހްމާލްވެވޭ ކަމެވެ.
އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ ގާތް މީހުންނަށާއި އެކުވެރިންނަށްޓަކައި އަދި ތިމާއަށްޓަކައިވެސް މިފަދައިން ދުޢާކުރާށެވެ! މަދުވެގެން ކޮްނމެ ދުވަަހކުވެސް ކުރާށެވެ!
"ޔާ ﷲ! އަޅަމެންނަށް ނުއެނގުނަސް އެންމެ ގާތުގައިވަނީ މަރެވެ! މަރަށް ތައްޔާރުވުމުގެ ވިސްނުން މިއަޅާއަށާއި މިއަޅާގެ ޢާއިލާގެ މީހުންނަށާއި ގާތްއެކުވެރިންނަށް އަދި އެންމެހައި މުސްލިމުންނަށް ދެއްވަވާނދޭވެ!
ޔާ ﷲ! މަރަށް ތައްޔާރުނުވެވެނީސް އަޅަމެން އެކެއްގެ ފުރާނަވެސް ނުހިއްޕަވާނދޭވެ! އިނބަ ﷲ ގެ ޙަޟްރަތަށް ފުރާނަ ގެންދެވުމުން އިނބަ ﷲ ރަޙުމްކުރައްވަވައި ސުވަރުގެވަންތަ އަޅުންގެ ތެރެއިން ލިޔުއްވަވާނެ އަޅެއްގެ ގޮތުގައި ނޫނީ އަޅަމެން އެކެއްގެ ފުރާނަވެސް ނުހިއްޕަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ ގެ ވާގިފުޅާއިލައިގެން މެނުވީ އެއްވެސް ކަމެއް އަޅަމެން އެކަކަށްވެސް ޙާޞިލެއް ނުކުރެވޭނެއެވެ. ވީމާ އަޅަމެންނަށް ހެޔޮވިސްނުން ދެއްވަވައި ސުވަރުގެ ލިބިގަތުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ތައުފީޤް އަޅަމެންނަށް ދެއްވަވާނދޭވެ! އަދި ޤިޔާމަތް ދުވަހުން އަޅަމެންނަށް ޖަންނަތުލްފިރުދައުސް މިންވަރުކުރައްވާނދޭވެ! އާމީން"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން