މިދައްކަނީ ކާފިރުންގެ ވާހަކައެއް ނޫނެވެ. މުސްލިމުންގެ ތެރޭގައިވެސް މިއަދު މާތް ﷲ އަންގަވާފައިވާ މިންވަރާއި ގާތަކަށްވެސް ނިވާނުވެ އުޅޭ ބައަކު އެބައުޅެއެވެ. އެމީހުންނަށް އެޙާލު ޖެހިފައި އެތިބީ ކީއްވެގެންކަން އެނގޭހެއްޔެވެ؟
އެކަމަށް ޝައިޠޯނާ މަސައްކަތް ފެށީ މީގެ އެތައްހާސް އަހަރުކުރިންނެވެ. ޝައިޠޯނާގެ ބޭނުމަކީ މީސްތަކުންގެ ދަރަޖަ ޖަނަވާރުންނަށްވުރެވެސް ދަށަށް ވައްޓައިލުމެވެ. އެއިރުން ޝައިޠޯނާ އަޅާނުލިނަމަވެސް އެމީހުން ބޮޑެތިވެގެންވާ މުންކަރާތްތަކަށް އަރައިގަންނާނެތީއެވެ.
އެއްވެސް މީހަކީ ހަމަހުރެފައި ބޮޑެތި ފާފަތައް ކުރާނެ މީހެއް ނޫނެވެ. ފާފަކުރާނީ އެކަމަށް ވިސްނަމުންގޮސް އެތައް ދުވަހެއް ފަހުންނެވެ. އެދެމެދުގައި ހިނގާ ދުވަސްތަކުގައި ޝައިޠޯނާ ވިސްނައިދެމުން ގެންދާނީ އެމީހާ ކުރަން ބޭނުންވާ ފާފަކުރުމަކީ ބޮޑުކަމެއް ނޫންކަމެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ފާފަކުރެވުމަކީ އެއްވެސް ކަމެއް ނޫންކަމަށް އޭނާއަށް ޤަބޫލުކުރެވުމެވެ. ނިވާނުވާ ފޭރާން ލުމުގައިވެސް އަދި އެއްވެސް ފޭރާމެއް ނެތި އުޅުމުގައި ކަންތައް މެދުވެރިވަނީ ހަމަ މިފަދަ ގޮތަކަށެވެ.
ނިޤާބް އެޅުމަކީ އެންމެ ފުރިހަމަ ގޮތެވެ. ސްކާފް އެޅުމަކީ ރަނގަޅު ގޮތެވެ. ތިބާއަށް ނިޤާބް ނުވަތަ ސްކާފްއަޅަން އަދި ތައްޔާރުނުވެވޭނަމަވެސް ހަށިގަނޑު ނިވާކުރާށެވެ! ހަށިގަނޑު ހާމަކޮށްގެން ނުއުޅޭށެވެ. ހަށިގަނޑު ނިވާނުކޮށް އުޅޭނަމަ އެމީހަކު އެހުންނަނީ ޝައިޠޯނާ އެންމެ ބޮޑަށް ބޭނުންވާ ގޮތަށެވެ. ހަށިގަނޑު ފެންނަ އެހެން މީހުންގެ ހިތްތަކުގައި ޖަޒުބާތު އުފައްދުވާ މީހެއްގެ ގޮތުގައެވެ. އެއިރުން އެމީހަކު ހިމެނިގެންދާނީ ޝައިޠޯނުންގެ ތެރެއިންނެވެ.
ކޮންމެ މުސްލިމަކުވެސް މިކަންކަމަށް ވިސްނަންވާނެއެވެ. އަންހެނުންނާއި ފިރިހެނުންވެސް ވިސްނަންވާނެއެވެ! މިއަދު "އިޓްސްއޯކޭ" ކަމަށް ބުނެވިދާނެއެވެ! ހަތަރެސްފައިގައި ނަރަކައިގެ ހިލިހިލާއިން ހިލާޖަހައި ނަރަކައަށް އެއްލައިލެވޭނެ ވަޤުތު އެމީހަކާއި ބައްދަލުކުރުމުން ޖެހޭނީ ކަރުނައަޅަމުންވެސް ނަރަކައަށް ވަންނާށެވެ! މިއަދު އެކަމަށް ބިރުވެތިނުވެވިއްޖެނަމަ ސަލާމަތެއް ނުވެވޭނެއެވެ.
- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން