އެނގުމުން ފައިދާކުރާނެ މަޢުލޫމާތު: ހިތުގެ ބަލިތައް ބަހައިލެވިފައިވާ މައިގަނޑު ބައިތައް-

ކިޔުމަށް ހޭދަވާނީ 3މ 45ސ
އެނގުމުން ފައިދާކުރާނެ މަޢުލޫމާތު: ހިތުގެ ބަލިތައް ބަހައިލެވިފައިވާ މައިގަނޑު ބައިތައް-

ޢަލީ އިޙްޞާން ފިރާޤް

 

ސަބަބުތަކާއިމެދު އެކި މީހުން ވިސްނާނީ އެކި ގޮތަށެވެ. އެންމެންނަސްވެސް އެނގޭ ކަމަކީ ހިތުގެ ބަލިތައް ގިނަވަމުން އަންނަ ކަމެވެ. ހިތުގެ ބަލިތަކުގައި ނުރައްކައުތެރި ޙާލަތުތައް މެދުވެރިވާ މީހުންގެ ޢަދަދު ގިނަވަމުން އަންނަ ކަމެވެ. އެހެންވެ މިގެނެސްދެނީ އެނގުން މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ލިޔުމެކެވެ. އިން ޝާ ﷲ 

ހިތުގެ ބަލިތަކަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބަލިތަކެކެވެ. ހިތުގެ ބައްޔޭ ބުނެވޭ ބަހުގެ މާނައަކީ ހިތުގެ މަސައްކަތަށް ބުރުއަރާ ނުވަތަ ހިތުގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ އަށް ކުރުމަށް ހުރަސް އަޅާ މައްސަލަތަކެވެ. ނުވަތަ ސަބަބުތަކެވެ. މީގެ ތެރޭގައި ކުއްޖާ ދުނިޔެއަށް އުފަންވާއިރު ހުންނަ މައްސަލަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިގެ ސަބަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ތިމާއަށް ޖެހޭ ހިތުގެ ބަލިތައް ހުރެއެވެ. 

ހިތާއި ލޭ ހޮޅިތަކަށް ދިމާވާ މައްސަލަތަކަށް ނުވަތަ ބަލިތަކަށް އިނގިރޭސި ބަހުން (cardiovascular disease) އޭ ކިޔައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ހިތަކީ ޕަންޕެއް ގޮތަށް މަސައްކަތް ކުރާ ގުނަވަނެކެވެ. ހިތުގެ ޒަރީއާއިން ސާފު ލޭ ހަށިގަނޑުގެ ގުނަވަންތަކަށް ފޯރުކޮށްދެނީ ހިތާ ގުޅިފައިވާ ލޭ ހޮޅިތައް މެދުވެރިކޮށެވެ. 

ހެދިފައިހުރި ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބަކީ ހިތުގެ ބަލިތަކެވެ. ގިނަ ހިތުގެ މައްސަލަތަކަކީ ޒަމާނީ ބޭސްވެރިކަމުގެ އަލީގައި ރަނގަޅު ކުރެވިދާނެ ބަލިތަކެވެ. ނުވަތަ ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއެއް ފޮލޯކޮށްފިނަމަ ރައްކާތެރިވެވިދާނެ ބަލިތަކެވެ. 

މި މަޒުމޫނުގައި މިބަލައިލަނީ މައިގަނޑުގޮތެއްގައި ހިތުގެ ބަލިތައް ބަހައިލެވިފައިވާ ދާއިރާތަކަށެވެ. ނުވަތަ ބައިތަކަށެވެ. 

ހިތާ ގުޅިފައިވާ ލޭހޮޅިތަކުގެ މައްސަލަތައް: ހިތާ ގުޅިފައިވާ ލޭ ހޮޅިތަކުގެ މައްސަލަތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މައްސަލައަކީ ކޮރޯނަރީ އާޓަރި ޑިޒީޒްއެވެ. ކޮރޯނަރީ އާޓަރީއަކީ ހިތުގެ މަސްތަކަށް ލޭ ފޯރުކޮށްދޭ ލޭ ހޮޅިއެވެ. އެހޮޅީގައި ސަރުބީޖަހައި، ލޭހޮޅި ހިމަވުމުގެ ސަބަބުން ހިތުގެ މަސްތަކަށް ލޭ ފޯރުކޮށްދިނުމަށް ހުރަސްއެޅެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހާޓްއެޓޭކް ޖެހެއެވެ. 

އެރިތްމިއާ (arrhythmia):

އެރިތްމިއާއަކީ ހިތުގެ ތެޅުން ހުންނަން ޖެހޭ މިންވަރަށްވުރެ އަވަހަށް ނުވަތަ ނުވަތަ ލަހުން ހިތުގެ ތެޅުން ހުރުމެވެ. ނުވަތަ ހިތް މާއަވަހަށް ނުވަތަ މާމަޑުން ތެޅުމެވެ. އަދި ރެގިއުލާ ނޫންކޮށް ހިތުގެ ތެޅުން ހުރުމެވެ. މިހެން ވެއްޖެނަމަ ފެނިދާނެ އަލާމަތްތަކުގެ ތެރޭގައި މޭގައި ރިއްސުން، އުނދަގޫވެ ނުތަނަވަސްވާގޮތްވުން، ބޯ އެނބުރުން، ހޭނެތުން، ބޮލުގައި ރިއްސުން، ހިތުގެ ވިންދު އަވަސްވުން، ނޭވާ ކުރުވުން ހިމެނެއެވެ.

އުފަންވާއިރު ހުންނަ ހިތުގެ މައްސަލަތައް:  (congenital heart defects)

އުފަންވާއިރު ހުންނަ ހިތުގެ މައްސަލަތަކަކީ ހިތާއި، ހިތުގެ ލޭ ހޮޅިތައް އުފެދުމުގައި ހުންނަ އައިބެއް ނުވަތަ މައްސަލައެއްގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. މި ބާވަތުގެ ބަލިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބައްޔަކީ ބައެއް ކުދިން އުފަންވާއިރު، ކަނާއަތު އަދި ވާއަތު ވެންޓްރިކަލް ގެ ދެމެދުގައި ލޯވަޅެއް ހުރުމެވެ. މި ވައްތަރުގެ ބައްޔަށް (ventricular septal defect) އޭ ކިޔައެވެ. މި ނޫނަސް އުފަންވާއިރުގައި ހުންނަ ހިތުގެ އެތައް މައްސަލައެއް ހުރެއެވެ. 

ހިތުގެ މަސްގަނޑަށް ޖެހޭ ބަލިތައް (Cardiomyopathy) :

ކާޑިޔޯމަޔޯޕަތީ ނުވަތަ ހިތުގެ މަސްގަނޑަށް ޖެހޭ ބަލިތަކުގެ ސަބަބުން ހިތުގެ މައިގަނޑު މަސައްކަތްކަމުގައިވާ ލޭ ޕަންޕު ކުރުމަށް ހުރަސް އެޅެއެވެ. ހިތުގެ މަސްގަނޑަށް ޖެހޭ ބަލިތަކުގެ ތެރޭގައި ހިތުގެ މަސްގަނޑު މާބޮޑަށް ބޯވުމާއި، ހަރުވުމާއި، އާންމުކޮށް ހުންނަ މިންވަރަށްވުރެ ބޮޑުވުން ހިމެނެއެވެ.

ހިތުގެ ވެލްވުތަކަށް މައްސަލަ ދިމާވުމުގެ ސަބަބުން ކުރިމަތިވާ ހިތުގެ ބަލިތައް (valvular heart disease) : 

ހިތުގައި ހަތަރު ވެލްވު ހުރެއެވެ. އެއީ އެއޯޓިކް (aortic)، މައިޓްރަލް (mitral)، ޕަލްމޮނަރީ (pulmonary) އަދި ޓްރައިކަސްޕިޑް (tricuspid) ވެލްވްސް އެވެ. ވެލްވުތަކަކީ ހިތުގެ ތެރެއިން ލޭ ހޮޅިތަކަށް ލޭ ފޯރުކޮށް ދިނުމަށް އެހީތެރިވެދިނުމަށްޓަކައި ހުޅިވި ބަންދުވާ އެއްޗެކެވެ. ހިތުގެ ވެލްވުތަކަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިތުގެ ވެލްވުތައް ހަނިވުމާއި، ރަނގަޅަށް ނުލެއްޕުން ހިމެނެއެވެ.  އޭގެ ސަބަބުން ހިތުގެ އެއް ޗެންބަރުގައި ހުންނަ ލޭ އަނެއް ޗެންބަރަށް ލީކުވުންފަދަ ކަންތައްތައް ދިމާވާނެއެވެ. 

މި ދަންނަވައިލެވުނީ ހިތުގެ ބަލިތައް މައިގަނޑު ގޮތެއްގައި ބަހައިލެވިފައިވާ ބައިތަކެވެ. މިއިން ކޮންމެ ބަޔެއްގައިވެސް އެތައް ބަލިތަކެއް ހިމެނެއެވެ. މި މަޒުމޫނުގައި މިބަލައިލީ ހަމައެކަނި އެ މައިގަނޑު ބައިތަކަށެވެ. އެހެން ފުރުސަތެއްގައި އޭގެ ތެރެއިން ފާހަކޮށްލެވޭ މުހިންމު ބަލިތަކަށް ބަލައިލުމަށް ގަސްދުކުރަމެވެ.

މިއަދު އޮންލައިން