މައިންބަފައިންނަށްޓަކައި ހުރިހާ ބުރަތަކެއް އުފުލައި ޤުރްބާންވާ ދަރިން ތިބިނަމަވެސް ބައެއް ދަރިންނަށް އެމީހުންގެ އަގު ވަޒަންކުރެވެނީ އެމީހުން ދުނިޔެއާއި ވަކިވެގެން ދިއުމުންނެވެ. މަރުވުމުންނެވެ. އެޙާލަތުގައި ބައެއް މީހުން އެމީހުންގެ މަންމަ ނުވަތަ ބައްޕަ ދުނިޔެއާއި ވަކިވެގެން ދިއައީތީ ވަރަށް ހިތާމަކުރެއެވެ.
އަދިއެއްފަހަރު ދުނިޔެއަށް އައިސް ބައްދަލުވެލުމަށް އެދެއެވެ. މައިމީހާގެ ފައިގާ އެންމެ ފަހަރަކަށް ނަމަވެސް ބޮސްދީ މާފަށް އެދޭނެ ފުރުޞަތަކަށް ބޭނުންވެއެވެ. މިހެން މިވަނީ ދުނިޔޭގައި އެމީހުން ތިބިއިރު އަޅައިނުލެވުނީތީއެވެ. އެހީތެރިވެނުދެވުނީތީއެވެ. އެމީހުންގެ ހިތްޙަލާލު ނުހޯދުނީތީއެވެ.
މުސްލިމުންގެ އިތުރުން ކާފިރުންނަށްވެސް ރަނގަޅަށް އެނގޭނެއެވެ. މަރުވެއްޖެ އެއްވެސް މީހަކަށް އެނބުރި ދުނިޔެއަކަށް ނައުދެވޭނެކަމެވެ. އެއީ އެއްވެސް މީހަކަށް އެކަން ކުރެވިފައި ނެތީމައެވެ. މިޙަޤީޤަތާއި ދެކޮޅު ހެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މައިމީހާއަށްވެސް އަދި އެހެން މީހުންނަށްވެސް އަބަދުވެސް ހެޔޮކޮށް ހިތާށެވެ. ޚާއްޞަކޮށް މައިންބަފައިންނަށެވެ. އެމީހަކު ހެޔޮކޮށް ހިތަންޖެހޭނެ އެންމެންނަށެވެ. އެއްވެސް މީހަކު މަރުވާނެ އިރެއް ނުއެނގޭނެއެވެ. މަރުވުމުން މިދުނިޔޭގައި އެމީހަކާއި ބައްދަލުވުމުގެ ފުރުޞަތު މުޅިން ނެތިގެންދިއައީއެވެ.
އަދި އެއިގެ އަނެއްކޮޅުވެސް އެބައޮތެވެ. އެމީހުންނާއި އަޅައިނުލެވި ހުއްޓައި ތިމާވެސް މަރުވެދާނެއެވެ. އެއިރުންވެސް އޮންނާނީ ހިތްޙަލާލް ނުހޯދިފައެވެ. ޖެހޭނީ ހަމަ އެއްތަނެއްގައެވެ. މެދުވެރިވާނީ އެއް ޙާލަތެކެވެ.
ދުނިޔޭގައި ހޭދަކުރަންލިބޭ ކޮންމެ ދުވަހަކީވެސް އެންމެ ފަހުދުވަސްކަމުގައި ދެކެގެން ކަންކަން ކުރަމުން ގެންދާށެވެ. މައިންބަފައިންނަށާއި އެހެން މީހުންނަށްވެސް އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށްގެން ދިރިއުޅެމުން ގެންދާށެވެ. ކުރިން މި ބަޔާންކުރި ފަދައިން ފަހުން ހިތާމަކުރަން ނުޖެހި ސަލާމަތްވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
އަދި އެއްވާހަކަ ބުނެލާނަމެވެ. ތިމާގެ އިހްމާލުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ތިމާއަށް އަޅައިނުލެވި ވަނިކޮށް މަންމަ ފަދަ މީހަކު މަރުވެއްޖެނަމަ ޤިޔާމަތް ދުވަހު މަންމައަށް ނުވަތަ ބައްޕައަށް ފައިދާކުރާނެ ހެޔޮ ޢަމަލުތައްކުރާށެވެ. ހެޔޮދުޢާކުރާށެވެ. އެކަމުގެ ފައިދާ މަންމައަށް ކުރާނެއެވެ. އެކަމުގެ ސަބަބުން ތިމާއާއި މައިންބަފައިންގެ ފާފަތައް ފުއްސަވައި ދެއްވަވައި ﷲ ތަޢަލާގެ ރުހިވޮޑިގަތުން ލިބުމަށް އެދޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން