ފިރިމީހާއަކީ ތަނަވަސް މީހެކެވެ. މުބުނީ ފުދުންތެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެކެވެ. އަނބިމީހާއަށާއި ދަރިފުޅަށްވެސް ހެޔޮކޮށް ހިތައެވެ. ޢާއިލީ ގުޅުން ދަމަހައްޓަން މަސައްކަތްކުރެއެވެ.
ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހޭނެއެވެ. ފިރިމީހާ އެކަންކަން މާބޮޑު ކަމަކަށް ނުހަދައެވެ. ނަމަވެސް ކިތަންމެ ކުޑަކމެއް ދިމާވިޔަސް އަނބިމީހާ އެކަން ނަގަނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ. އެއީ ފިރިމީހާ އެއުޅެނީ ފޫހިވެގެން ވަރިކުރަންކަމަސް ވިސްނޭތީއެވެ.
އެގޮތަށް ދިމާވިކަމެއްގައި އަނބިމީހާ ނިންމީ ވަރިވާށެވެ! އެވާހަކަ ފިރިމީހާގެ ގާތުގައި ބުނުމުން އިތުރަށް 3 ދުވަހު ވިސްނާފައި އެވާހަކަ ދެއްކުމަށް އެދުމުންވެސް އަނބިމީހާ ބުނީ ވަރިއަށް މިއެދެނީ ވިސްނާފައިކަމަށެވެ! ފިރިމީހާ ބުނީ އަދިވެސް އިތުރަށް ވިސްނަން 3 ދުވަހު މަޑުކުރުމަށެވެ.
3 ވަނަ ދުވަހު ހެނދުނު ސައިބޯން ތިބެފައި ވަރީގެ ވާހަކަ ފެށީ ފިރިމީހާއެވެ! "ކޮބާ ވިސްނިއްޖެތޯ؟" ސުވާލުކުރުމުން އަނބިމީހާ ބުނީ ވަރިއަށް އެދުނީ ވަރިކުރަން އުޅޭކަން ވިސްނޭތީ ކަމަށެވެ. ފިރިމީހާ ބުންޏެވެ! "އަހުރެންގެ މަންމަ ދޮންބައްޕައަކު ހޯދުމުން އުޅެންޖެހުނު ޙާލު އަހުރެން މިހުރީ ތަޖުރިބާކޮށްގެންނެވެ. މަންމަވެސް ދޮންބައްޕަވެސް މިއަދު ދުނިޔޭގައި ނެތުމުން އެކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެއީ ވަރަށް ހިތި ތަޖުރިބާތަކެއް ކަމަށް ބުނެފައި ނިންމައިލާނީއެވެ. އަހުރެންގެ ދަރިފުޅަށް އެފަދަ ތަޖުރިބާތަކެއް ކުރަންޖެހޭކަށް ބޭނުމެއް ނޫނެވެ. ތިބާ ވަރިކުރުމަކީ އަހުރެން އެއްވެސް ވަރަކަށް ވިސްނާ ކަމެއްވެސް ނޫނެވެ. އަދި ވިސްނާނެ ކަމެއްވެސް ނޫނެވެ. އަހުރެންގެ ހުރިހާ ސަމާލުކަމެއްވެސް ހުރީ ދަރިފުޅަށެވެ."
އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ތެދުވެގެންގޮސް ފިރިމީހާގެ ގައިގައި ބައްދައިލިއެވެ. ރޮމުން ބުންޏެވެ. "އަހުރެންނަށް ނުވިސްނުނީއެވެ. މާފުކުރާށެވެ! ދެން ދުވަހަކުވެސް ވަރިއަކަށް ނުއެދޭނަމެވެ."
އެކުވެރިންނޭވެ! މިހުރީ ކަންކަން ހިނގާ ގޮތެވެ. ކިރިޔާ ޝައްކެއްވެލާއިރަށް ވަރިއަށް ނުއެދޭށެވެ. އަދި ވަރިނުކުރާށެވެ! ދަރިން ލިބުމުން ވަރިއާއިމެދު ނުވެސް ވިސްނާށެވެ! ބައިވެރިޔާގެ ކިބައިން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ވަކިވުން ނޫން ގޮތެއް ނެތިއްޖެ ޙާލުގައި މެނުވީއެވެ.
- އަލަފް / މިއަދުނޫސް