ކޮންމެ އަންހެން ކުއްޖަކަށް ވެސް ރައްކާތެރިކަން ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
އޮކްޓޫބަރު 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ސީޕީ ދެއްވި ހާއްސަ މެސެޖްގައި ވިދާޅުވެފައިވަނީ، މި ދުވަހަކީ ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ގާބިލުކަމާއި، އެ ކުދިންގެ ހިތްވަރާއި، ކުރިމަގަށް އެ ކުދިން ކުރަމުންދާ އުންމީދުތައް ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ.
އަދި "ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތްކުރަމުންދާނީ އަދި ދެމިތިބޭނީ، ކޮންމެ އަންހެން ކުއްޖަކަށް ވެސް ރައްކާތެރިކަމާއި، އިހުތިރާމް އަދި ބިރުވެރިކަމެއް ނުވަތަ ހުރަހެއް ނެތި އެ ކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ބާރު ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައި" ކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެން ކުދިންގެ ހައްގުތަކާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ހަމައެކަނި އަދާކުރަންޖެހޭ ޒިންމާއެއް ނޫންކަމާއި، އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މެސެޖު ނިންމަވާލެއްވީ، ކޮންމެ ކުއްޖަކީ ވެސް މުޖުތަމައުގައި އިތުބާރާއި، ހަމަހަމަ ފުރުސަތުތައް ލިބި، އިހުތިރާމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވައެވެ.