އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވާ ފުލެޓުތަކުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ވަނީ ނިންމާފަ: ޑރ. މުއްޠަލިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވާ ފުލެޓުތަކުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ވަނީ ނިންމާފަ: ޑރ. މުއްޠަލިބު

އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވާ ފުލެޓުތަކުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ވަނީ ނިންމާފައިވާކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ޑރ. މުއްޠަލިބު ވިދާޅުވީ "ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން" ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، މި ފްލެޓުތައް ބޮޑު އަގުތަކުގައި ކުއްޔަށްދީ، އެ ތަންތަން ލިބުނު ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ބޭނުން ކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫނެވެ. އެހެންކަމުން، އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލާނެކަމަށް ބުނެފައެވެ. އަދި އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ، މި ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިންގ ފުލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ސީދާ ޚިލާފު ކަމެކެވެ.

މިއަދު އޮންލައިން