ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ: މޫސުމާ ބެހޭ އިދާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ: މޫސުމާ ބެހޭ އިދާރާ

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ވައި ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އިންޒާރު ދެއްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެއްވި މަޢުލޫމާތުގައި، މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވުމާއެކު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ، ގުގުރުމާއެކު ވައި ބާރުގަދަވެ، ވިލާގަނޑު އިތުރަށް ބޯވެގެންދާނެކަމަށްވެސް އެ އިދާރާއިން ވަނީ އިންޒާރު ދެއްވާފައެވެ. މި މޫސުމީ ނުރައްކާތެރި ޙާލަތާ ގުޅިގެން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

"ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުން ވަރަށް މުހިންމު،" މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ސަބަބުން އާންމުކޮށް ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުދަތުރުފަތުރަށް ދަތިތަކާ ކުރިމަތިވާ މޫސުމަކަށްވާތީ މޫސުމީ މަޢުލޫމާތު ގަވާއިދުން ބައްލަވަމުން ގެންދެވުމަކީ މުހިންމުކަމެކެވެ.

މިއަދު އޮންލައިން