އައްޑޫ ސިޓީ ހަންކެޑެ އާއި ށ. ނަލަންދޫގައި ރިސޯޓު ތަރައްގީ ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިގޮތުން ހަންކެޑެގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލާފައިވާއިރު، މަދުވެގެން 1000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރުއްވި އިއުލާނުގައި ވިދާޅުވެފައިވަނީ، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަންކެޑެގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފު ކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިންނެވެ. މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މި ދެ ރަށުގައި ރިސޯޓު ތަރައްގީ ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.