ޢަޛާބުން ސަލާމަތް ނުވެވޭނެ ގޮތަށް ގިނަ ބައަކު ކައްވަޅަށްދަނީ އެމީހެއްގެ އިހުމާލުން! ހޭލުންތެރިވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޢަޛާބުން ސަލާމަތް ނުވެވޭނެ ގޮތަށް ގިނަ ބައަކު ކައްވަޅަށްދަނީ އެމީހެއްގެ އިހުމާލުން! ހޭލުންތެރިވާން އެބަޖެހޭ!

ކިތަންމެ ހަގު ޢުމުރުގައިވެސް މީހަކު މަރުވެދާނެއެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބިރުވެތިވެ ތައްޔާރަށް ހުންނަން ޖެހެނީ އެހެންވެގެންނެވެ. ޒުވާން ޢުމުރުގައިވެސް ފާފަނުކުރުމަށާއި ހެޔޮޢަމަލުތައް ވީހާ ގިނައިން ކުރަން މަސައްކަތްކުރަންވީ އެހެންވެގެންނެވެ.

ޢުމުރުން ގިނަދުވަސްވެ މުސްކުޅިވަންދެން ދުނިޔޭގައި ހުންނަން ފުރުޞަތު ލިބިއްޖެނަމަ މަރުވުމަށް ތައްޔާރުވާން ކުރަންޖެހޭ މަސައްކަތް ގިނަކުރަންވާނެއެވެ. ނަމަވެސް ގިނަ ބައަކަށް ޢުމުރުން ދުވަސްވުމުންވެސް އެކަން އޮންނަނީ ނުކުރެވިފައެވެ. އެއީ ޒުވާން ޢުމުރުގައި އެކަމަށް ސަމާލުކަން ނުދެވޭތީއެވެ.

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ޔަޤީންކުރަން ޖެހޭނެ ކަމަކީ މަރުވުމުން އެމީހާ ވަޅުލެވޭނީ ދުނިޔޭގައި ހުރެ ކުރި ހެޔޮ އަމަލުތަކާއި އަދި ނުބައި އަމަލުތަކާއިވެސް އެކުގައިކަމެވެ. އެހިސާބުން ގިނަ މީހުންނަށް ދުނިޔޭގެ ފަތް ބަންދުވީއެވެ.

މަރުވެ ވަޅުލެވުމުންވެސް ފަތް ބަންދު ނުވާނެ ބައަކު ތިބޭނެއެވެ. އެއީ މަރުވި ނަމަވެސް އެމީހަކަށް އެކަމަކުން ޘަވާބު ލިބެމުންދާނެ ފަދަ ހެޔޮ އަމަލެއް ކޮށްފައިވާ މީހުންނެވެ. މިސާލަކަށް ޢިލްމު ފަތުރަން މަގުފަހިކުރުން، މިސްކިތެއް އެޅުން، މީސްތަކުންނަށް ފެން ލިބޭނެ މަގު ފަހިކޮށް ދިނުން މީހުންނަށް ފައިދާކުރާނެ ގަސް އިންދާފައިވުން، ފަދަ ކަންކަމެވެ. ދެން ޞާލިޙް ދަރިންގެ ދުޢާއެވެ. އަދި މިޒާމަނުގައި ދިރި ދެމިހުންނާނެ ވަޤުފް ފަންޑު އުފައްދައި ހިންގޭނެ ގޮތް ހަދައިދިނުން ފަދަ ކަންކަމެވެ.

ކަން ހުރީ މިހެން ނަމަވެސް ބަރުޒަޚުގެ ޢާލަމަށް ދިއުމަށް ތައްޔާރުވަނީ ވަރަށް މަދު މީހެކެވެ. ގިނަ މީހުންނާއި މަރު އައިސް ކުރިމަތިލަނީ އެއްވެސް ވަރަކަށް ތައްޔާރު ނުވެ ތިއްބައެވެ! އެއީ އެންމެ ހިތާމަވެރި ނިމުމެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ އެފަދަ މީހުންގެ ތެރެއިން ނުވުމަށެވެ.

ކައްވަޅަކީ ނުވަތަ ބަރުޒަޚުގެ ޢާލަމީ އަހަރެމެންގެ ދާއިމީ ހަޔާތުގެ ފުރަތަމަ މަރުހަލާއެވެ. އަދި އަހަރެމްނެ ދުނިޔޭގައި ތިބެ ކުރި މަސައްކަތުގެ ނަތީޖާ ވެސް އެނގިގެންދާ މަރުހަލާއެވެ. އެކަން އެނގެނީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅުންނެވެ. "ކައްވަޅު އެމީހަކަށް ފަސޭހަ ވެއްޖެ ނަމަ ފަހުން ކުރިމަތިލާންޖެހޭ ކަންކަން އިތުރަށް ފަސޭހަވެގެން ދާނެ ކަމަށާއި ކައްވަޅު އުނދަގޫ ވެއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭ ހަޔާތުގެ ކަންކަން އިތުރަށް އުނދަގޫވެގެންދާނެ ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.

ކައްވަޅުގައި ކުރެއްވޭ 3 ސުވާލަށް ޖަވާބު ދެވި އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ ޖާގަ ދެއްކެވޭ މީހުން ބުނާނެތެވެ. ޤިޔާމަތްވުން އަވަސްކުރައްވަވާނދޭވެ!" ނަމަވެސް ޖަވާބު ނުދެވި، އެމީހަކަށް ނަރައިން ލިބޭނެ ޖާގަ ދައްކަވާ މީހުން އެދޭނީ ދުވަހަކުވެސް ޤިޔާމަތް ނުވުމަށެވެ. އެއީ އާޚިރަތް ދުވަހު ލިބޭނެ ޢަޛާބު މާ ބޮޑުވާނެތީއެވެ.

--ބިލާލް އައްސަދުގެ ދަރުސަޚުން

މިއަދު އޮންލައިން