ބޯހަރުނަމަ މަޑުނުކޮށް ހެޔޮލަފާ ބައިވެރިއަކު ލިބުނަސް ނުގެންގުޅެވޭނެ! ވާނީ ދުނިޔޭގަވެސް އަދި އާޚިރަތްވެސް އަބާއްޖަވެރިއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ބޯހަރުނަމަ މަޑުނުކޮށް ހެޔޮލަފާ ބައިވެރިއަކު ލިބުނަސް ނުގެންގުޅެވޭނެ! ވާނީ ދުނިޔޭގަވެސް އަދި އާޚިރަތްވެސް އަބާއްޖަވެރިއަކަށް!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިތުރު އެއްކަންތައް ފާހަގަކޮށްލާނަމެވެ! އެކަމަކުން ތިމާއަށް ހިތްދަތިކަން ލިބުނު ކަންކަމާއިމެދު އަމިއްލައަށް ވިސްނައިލަބަލާށެވެ! 99 އިންސައްތަ ކަންކަމުގައި ހިތްދަތިކަން ލިބުނީ ބަސް ޤަބޫލު ނުކުރެވުމުންކަން އެނގޭނެއެވެ. މައިންބަފައިންގެ ބަސް ޤަބޫލު ނުކުރެވުމާއި އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް އަމަލު ނުކުރެވުން މީގެ ތެރޭގައި ހިމެނެއެވެ. އަދި ގާތް އެކުވެރިންގެ ތެރެއިން ހެޔޮ ލަފާ އެކުވެރިންގެ ބަސް ޤަބޫލު ނުކުރެވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދެމަފިރިން އެކަކު އަނެކެއްގެ ބަސް ޤަބޫލުނުކުރުންވެސް ހިމެނެއެވެ. އަނެކާގެ ބަސް ޤަބޫލުނުކުރާ ބޯހަރުމީހުންނަށް ކިތަންމެ ހެޔޮލަފާ ބައިވެރިއަކު ލިބުނަސް ނުގެންގުޅެވޭނެއެވެ. އެއީ އެކަމަށް އަނެކާ ކެތްތެރިނުވާނެތީއެވެ.

ހަމަ އެއާއިއެކު އަހަރެމެން ޤަބޫލުކުރަން ޖެހޭ އެއްކަމަކީ ދުނިޔޭގައި މައްސަލަތައް ކުރިމަތިވާނެ ކަމެވެ. އަދި ކުރިމަތިވާ ކޮންމެ މައްސަލައަކީވެސް އިމްތިޙާނެއް ކަމެވެ. އަހަރެމެންނަކީ އެ އިމްތިޙާނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭ ބައެއް ކަމެވެ. އާޚިރަތް ލިބުން އޮތީ އެ އިމްތިޙާނުން ފާސްވެގެން ކަމެވެ.

ހަމަ އެއާއިއެކު ﷲ ތައާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހަކު އިތުރަށް އިމްތިހާން ކުރައްވަވާނެކަން ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ މައްސަލައެއް ކަމަށް މިދެކެވޭ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ކުރަންވީ ހިތާމައެއް ނޫނެވެ. އުފާކުރަންވީއެވެ! ﷲ ތަޢާލާ ކުރައްވަވާ އިމްތިޙާނުން ފާސްވާން ގަދައަޅައި މަސައްކަތްކުރަންވީ އެވެ.

ނަމަވެސް އަހަރެމެންނަށް މިކުރެވޭ ކަމަކީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމުން ލިބޭ ހިތާމަ އިތުރުވެ އަޅުކަމާއި ދުރުހެލިވެވެނީއެވެ. އެއީ އިމްތިޙާނުން ފޭލްވުމެވެ. ފާސްވާނީ މައްސަލަތައް އިތުރުވި ވަރަކަށް އަޅުކަން ކުރުން އިތުރުކުރާ މީހާއެވެ! ﷲ ތައާލާ އާއި ކުތައްނަވުމަށް އިތުރަށް މަސައްކަތްކުރާ މީހާއެވެ!

އެންމެންގެ ވެސް ބޯހަރުވާނެއެވެ. އެއީ ބޮލުގައި ވަރުގަދަ ނާށިގަނޑެއް އިންނާތީއެވެ. ނަމަވެސް ބޯހަރުވުން ކިޔަނީ އެމާނައެއްގައެއް ނޫނެވެ. މީހުން ބުނާ ބަސް ޤަބޫލުނުކުރުމަށެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވުމަށެވެ. ކިތަންމެ ރަނގަޅު ގޮތެއް ބުނެދިން ނަމަވެސް އެގޮތް ޤަބޫލުނުކޮށް ތިމާއަށް ފެންނަ ގޮތަށް ކަންކަން ކުރުމަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން