ފާފައެއް ކުރެވެން އުޅޭނަމަ އެކަމަށް އަމިއްލަ ނަފްސާއި އަވަސް އަވަހަށް ސުވާލުކުރާށެވެ! ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަމަކަށް އަރައިގަންނަން މިއުޅެވެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އުފައްދަވައި ރިޒްޤް ދެއްވަވައި ހުރިހައި ނިޢްމަތްތައް މިންވަރުފުޅު ކުރައްވަވަނީ ﷲ ތަޢާލާ ނޫން ހެއްޔެވެ؟ ވީއިރު އެފަދަ އޯގާތެރިވަންތަ ﷲ ތަޢާލާއަށް އުރެދެން މިއުޅެވެނީ ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢަލާ އާއި ކުރިމަތިލާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ މިސުވާލުތައް އަމިއްލަ ނަފްސާއި ކޮށްފިނަމަ ފާފަ ކުރުމުން އެމީހަކަށް ސަލާމަތްވެވޭނެއެވެ! އިން ޝާ ﷲ!
ވިސްނުންތެރި މުސްލިމަކު ފާފައިގެ ބޮޑުކުޑަމިނަކަށް ނުބަލާނެއެވެ. ބިރުވެތިވާނީ ﷲ ތައާލާގެ އަމުރުފުޅުތަކަށެވެ. މިކުރެވެނީ ކުޑަ ފާފައެއް ކަމަށް ވިސްނައި އެއްވެސް ވަރެއްގެ ފާފަ ކުރެވޭނަމަ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވެވޭ މީހެއް ނޫން ކަމަށް ބުނެވިދާނެއެވެ. މީގެ މާނައަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކީ އެއްވެސް ފާފައެއް ނުކުރެވޭނެ މީހެއް ކަމުގައި ބުނުމެއް ނޫނެވެ. ފާފައެއް ކުރެވުމާއި ފާފަ ކުޑަކަމަށް ބަލައި ބިރު ނުގަނެ ފާފަ ކުރުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ.
މީސްތަކުންނޭވެ! ކިރިޔާވެސް ފާފައެއް ކުރެވެން އުޅޭނަމަ ހިތަށް ގެންނަންވީ އެ ފާފަ ނުކުރުމަށް ﷲ ތައާލާ އަމުރުފުޅުކުރައްވަވާފައިވާ ކަމެވެ. ދުނިޔޭގައި އުޅޭއިރު ކުރެވޭ ކުދިކުދި ކުށްތަކަށް ޖުރުމަނާއެއް ދައްކައިލުމުން ފުދިދާނެއެވެ. އެކަމުން ތިބާގެ ޖީބަށް މާބޮޑު އަސަރެއް ނުކޮށްފާނެއެވެ. ނަމަވެސް އާޚިރަތް ދުވަހުގެ ކަންކަން މުޅިން ތަފާތެވެ. ޛައްރެއްގެ މިންވަރުގެ ނަމަވެސް ފާފައެއް ކުރެވި، އެފާއަށް ތައުބާ ނުވެވުމުން ﷲ ތައާލާ ތައުބާ ޤަބޫލުފުޅު ނުކުރައްވަވައި އޮވެއްޖެ ނަމަ ބަދަލުދޭން ޖެހޭނީ ކުރެވިފައިވާ ހެޔޮ އަމަލުތަކުންނެވެ! މާނައަކީ މީޒާނުގައި އެފާފަ ތިބާއާއި ދެކޮޅަށް ބުރަވެގެންދާނެ ކަމެވެ. ވީއިރު މިކުރެވެނީ ކުޑަ ފާފައެއް ކަމަށް ބަލައި ފާފަކޮށްގެން ޤިޔާމަތް ދުވަހު ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟
އެއްފަހަރަކު ދަތުރެއްގެ މަތީގައި އަންހެނަކާއިއެކު ފާހިޝް އަމަލު ހިންގަން ބޭނުންވެގެން އެދުނެވެ! އެހިނދު އަންހެން މީހާ ސުވާލުކުރިއެވެ؟ ކަލޭގެ ދީން ކޮބައިހެއްޔެވެ؟ އަޚްލާޤްކޮބައި ހެއްޔެވެ؟ ކަލޭ ބިރެއް ނުގަންނަމު ހެއްޔެވެ؟
ޖަވާބުގައި ފިރިހެން މީހާ ބުނީ އަހަރެމެން މިތިބީ ސަހަރާގައި އެކަނިކަމަށެވެ. މިތަން ފެންނާނެ އެއްވެސް މީހަކު ނުވާކަމަށެވެ.
ޖަވާބުގައި އަންހެން މީހާ އަނެއްކާވެސް ކުރީ ސުވާލެކެވެ. "އަހަރެމެން ދުނިޔޭގައި ލައްވަވައި މިތަނުގައި މިރޭ ތިބުމަށް އިރާދަ ކުރެއްވެވި ފަރާތް ކޮބައިހެއްޔެވެ؟ އެފަރާތް ދެކެދެނެވޮޑިގެން ނުވަނީ ހެއްޔެވެ؟"
މިހާދިސާއަށް ބަލައިފިނަމަ އަންހެން މީހާގެ ވިސްނުމުން އެ ސަލާމަތްކުރީ އޭނާގެ ޢިއްފަތްތެރިކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމަކީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ ކަމެކެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ އުފަލަށްޓަކައި އެ މަތިވެރި ނިޢްމަތް ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! މުސްލިމުން އަބަދުވެސް ތިބެން ޖެހޭނީ އެގޮތުގައެވެ. އަންހެން މީހާ އެހުރި ބިރުވެރިކަމުގައެވެ. އޭނާގެ ކިބައިގައި ﷲ ތަޢާލާއަށް އެ ހުރި އިޚްލާޞްތެރިކަމުގައެވެ.
--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން