ތިމާ އެދޭވަރަށް އުފާވެރިކަން ނުލިބޭ މީހާގެ ވިސްނުން މިގޮތަށް ބަހައްޓައިފިނަމަ އެމީހަކަށް އަބަދުވެސް ހުރެވޭނީ އުފަލުގަ! ފުދި އިތުރުވެސްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިމާ އެދޭވަރަށް އުފާވެރިކަން ނުލިބޭ މީހާގެ ވިސްނުން މިގޮތަށް ބަހައްޓައިފިނަމަ އެމީހަކަށް އަބަދުވެސް ހުރެވޭނީ އުފަލުގަ! ފުދި އިތުރުވެސްވާނެ! އިން ޝާ ﷲ

މިދުނިޔޭގެ ޙަޔާތުގައި އިންސާނުންނަށް އަބަދުވެސް ހިތްދަތިވެ މާޔޫސްވާން ޖެހޭ ޙާލަތުތައް ކުރިމަތިވާނެއެވެ. އެއީ ދުނިޔޭގައި އެކަން ހިނގަމުންދާނެ ގޮތެވެ. ދުނިޔޭގެ ޙަޔާތަކީ އިމްތިޙާނެއްކަމުގައި ﷲ ތަޢާލާ ލައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ހީވެސް ނުކުރެވޭނެހައި ގޮތް ގޮތުން އިމްތިޙާންތައް ކުރިމަތިކުރައްވަވާނެކަން ވަޙީ ކުރައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ. 

ހިތާމައަކީ އެކަންކަން ޤަބޫލު ނުކުރެވި މާޔޫސްކަމުގައި މީހާ ފެތިގެންދާ ކަމެވެ. ބައެއް މީހުންނަށް މާޔޫސްވާ ވަގުތު ދީނާއި ދުރަށް ދެވެއެވެ. އެކަން އެގޮތަށް އެވަނީ ސީދާ ޝައިޠާނާގެ ސަބަބުންނެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލެވޭތީއެވެ. ދިރިއުޅުމުގައި ދެން އުފާވެރިކަން ނުލިބިދާނެކަމަށާއި ސުވަރުގެ ނުލިބިދާނެ ކަމަށް ޤަބޫލުކުރެވެނީ ޝައިޠާނާގެ ވަސްވާސްތަކުންނެވެ. ވީމާ އެފަދަ ވަސްވާސްތަކަށް ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭނެއެވެ. ސުވަރުގެ ހައްދަވާފައިވަނީ ވަކިމީހަކަށްޓަކައެއް ނޫނެވެ. ޙާޞިލްކުރަން މަސައްކަތްކުރާ އެންމެންނަށްޓަކައެވެ.

ހަމަ އެއާއިއެކު ޤަބޫލުކުރަންވީ އެންމެންނަށްވެސް އުފާވެރިކަން ދެއްވަވާކަމާއި އެކި މީހުންނަށް މިންވަރުކުރައްވަވާނީ އެކިވަރަށް ކަމެވެ. ތިމާއަށް ޙައްޤު މިންވަރަށް އުފާވެރިކަން ދެއްވަވާ ކަމެވެ. 

އެންމެ މުހިންމީ ފުދުންތެރިކަމެވެ. އެއިގެ ތެރޭގައި މާލީ ތަނަވަސްކަމާއި އުފާވެރިކަން ލިބޭ މިންވަރުވެސް ހިމަނާށެވެ! ހަމައެއާއިއެކު ދުނިޔޭގައި އަހުރެމެން އެކަކަށްވެސް އެމީހަކު ބޭނުންވާހައި މިންވަރަކަށް އުފާވެރިކަން ނުލިބޭނެކަންވެސް ޤަބޫލުކުރަންވާނެއެވެ. ހިތްފުރި އިތުރުވާވަރަށް އުފާވެރިކަން ދެއްވަވާނީ ސުވަރުގެއިން އެކަނިކަން ޤަބޫލުކޮށް ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ. އެއިރުން އެމީހަކަށް އަބަދުވެސް ހުރެވޭނީ އުފާވެރިކަމުގައެވެ. އިން ޝާ ﷲ

 

- ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން

މިއަދު އޮންލައިން