ފަހުން ކައިވެނި ކުރެވުނު ބައިވެރިޔާވެސް ތިމާއާއިމެދު ކަންކަން ކުރާނީ ކުރީގެ ބައިވެރިޔާވެސް ކަންތައްކުރިގޮތަށް ކަމަށް ވިސްނޭ މީހަކަށް ގާތީ އުފާވެރި ދިރިއުޅުމެއް ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ފަހުން ކައިވެނި ކުރެވުނު ބައިވެރިޔާވެސް ތިމާއާއިމެދު ކަންކަން ކުރާނީ ކުރީގެ ބައިވެރިޔާވެސް ކަންތައްކުރިގޮތަށް ކަމަށް ވިސްނޭ މީހަކަށް ގާތީ އުފާވެރި ދިރިއުޅުމެއް ނުލިބުން!

ތިމާއަށް ލިބުން ޙައްޤު ނޫން އަދަބެއް ލިބޭނަމަ ކަންބޮޑުވެ ފޫހިނުވާނީ ކާކުހެއްޔެވެ؟ މިސުވާލުކުރި ސަބަބުވެސް ބުނެލާނަމެވެ. އެއީ ދެވަނަ މީހަކާ ކައިވެނިކުރުމަށްފަހު އޭނާވެސް ތިމާއާއިމެދު ކަންކަން ކުރާނީ ކުރީގެ ބައިވެރިޔާވެސް ކަންކަންކުރި ގޮތަށް ކަމަށް ބަލައި މިހާރުގެ ބައިވެރިޔާއަށް އަދަބުދޭ މީހުން އުޅޭތީއެވެ. އެފަދަ މައްސަލަތައް ކުރިމަތިވާތީއެވެ.  

ވިސްނާށެވެ! މާޒީ ހިތިވެގެން އިތުރަށް ލިބޭނެ ގެއްލުމެއް ނުއޮންނާނެއެވެ! ލިބުނު ގެއްލުމެއް އޮންނާނީ ލިބި ނިމިފައެވެ. ވިސްނަންވީ ލިބުނު ހިތްދަތިކަމާއި އަނިޔާއާއިއެކުގައިވެސް ތިމާއަށް އަދިވެސް އެބައުޅެވޭ ކަމެވެ. ޔަޤީންކުރަންވީ މާއުފާވެރި ދިރިއުޅުމެއް ލިބޭނެކަމެވެ. އިން ޝާ ﷲ  

ގެއްލުން ލިބޭނީ ތިމާގެ މުސްތަޤްބަލް ބަނަވުމުންނެވެ. ބުއްދިވެރިންނަކީ މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރާ  މީހުންނެވެ. މާޒީގެ އަނދިރިކަމަށް ނުވިސްނައި މުސްތަޤްބަލް ވިދުވަރެއް ފަދައިން އަލިގަދަކޮށްލަން މަސައްކަތްކުރާ މީހުންނެވެ.  

މާޒީގަ ކުރިމަތިވި ކޮންމެ ކަމަކީ ތިބާއަށް ދެއްވެވި ފިލާވަޅެކެވެ. ވީމާ އޮތީ ހިތާމަކުރުމެއް ނޫނެވެ. އުފާކޮށް ޢިބްރަތް ޙާޞިލުކުރުމެވެ. އެކަމުގެ ޙިކުމަތަކީ ތިބާ އަށް އީޞްލާޙްވާން ޖެހޭކަން އަނގަވައިދެއްވެވުން ކަމުގައި ޤަބޫލުކުރާށެވެ! 

މިއީ ދިރިއުޅުމުގައިވެސް ވިސްނައިލަން ޖެހޭ ވަރަށް މުހިންމު ކަމެކެވެ. ބައެއް މީހުން އަބަދުވެސް ވިސްނަނީ ކުރީގެ ބައިވެރިޔާ ކަންކަން ކުރިގޮތާއިމެދުގައެވެ. އެއީ މުޅިން ބޭކާރު ވިސްނުމެވެ. ކުރީގެ ބައިވެރިޔާގެ ކިބައިން ލިބުނީ ފިލާވަޅެއް ކަމުގައި ދެކޭށެވެ! ދެވަނަ ބައިވެރިއަކު ލިބިފައި ތިއަވަނީ އެ ފިލާވަޅު ލިބުނީތީއެވެ.  

ވީމާ ދެބައިވެރިން އެއްނާޅިއަކުން ނުމިނާށެވެ! އެއް ކޯޓެއް ނުވަތަ ހެދުމެއް ލައްވަން މަސައްކަތްނުކުރާށެވެ! މިހާރުގެ ބައިވެރިޔާ ރަނގަޅުނަމަ އެއީ ތިބާއަށް ދެއްވެވި ވަރަށް ބޮޑު ނިޢްމަތެކެވެ. އެ ނިޢްމަތް ދަމަހައްޓަން މަސައްކަތްކުރާށެވެ.  

އެގޮތަށް ވިސްނައިގެން މަސައްކަތް ނުކޮށްފިނަމަ ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އަބަދުވެސް ހުންނަން ޖެހޭނީ ޝައްކުގެމަތީގައެވެ. ކަންބޮޑުވުމެއްގައެވެ. ތިމާއަށް ތިމާ އެދޭފަދަ ބައިވެރިއަކު ލިބޭނީ ޢުމުރުގެ ކިހާހިސާބެއްގައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މާޒީއަށް ބަލައިގެން ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ މާޒީގައި ލިބުނު ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމެވެ! އެނޫން އެއްވެސް ބޭނުމެއް މާޒީއަކުން ނުހިފޭނެއެވެ. އެނޫން އެއްވެސް ބޭނުމެއް ނުވެސް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން