ގެއަށްވަދެވުމާއެކު ރުޅިގަދަކުރެވި ދުލުން ނުބައިބަސްތައް ބުނާމީހުންނަށް ދެރަވެ ނިކަމެތިވާންޖެހޭނެކަން ޤުރްއާނުން މިއޮތީ އެނގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ގެއަށްވަދެވުމާއެކު ރުޅިގަދަކުރެވި ދުލުން ނުބައިބަސްތައް ބުނާމީހުންނަށް ދެރަވެ ނިކަމެތިވާންޖެހޭނެކަން ޤުރްއާނުން މިއޮތީ އެނގެން!

ތިމާ ކިތަންމެ ރަނގަޅަށް މީހަކަށް ކަންކަން ކޮށްދިނުމަކީވެސް ތިމާއަށް ރަނގަޅުވާނެ އަނެކާ ކަންކަން ކުރާ ސަބަބަކަށް ނުވާ ޒަމާން މިއޮތީ ބައްދަލުކޮށްފައެވެ. އެހެން ނޫންނަމަ ތިމާ ނުހަނު ލޯބިން ގެންގުޅޭ ދަރިން ތިމާއަށް ރަނގަޅަށް ކަންކަން ނުކޮށްގެން ކަންބޮޑުވާކަށް ނުޖެހުނީސް ނޫންހެއްޔެވެ؟ ވީމާ މިފަދަ ޒަމާނެއްގައި ވިސްނަންވީ ތިމާއަށް ތިމާގެ ޢާއިލާއަށް ގޯސްކޮށް ކަންކަން ކުރެވޭނަމަ ތިމާއަށް ކުރިމަތިލާންޖެހޭނެ ކަންކަމާއިމެދުގައެވެ.  

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ހެޔޮކޮށް ހިތަންއޮތީ އެމީހެއްގެ ޢާއިލާއަށެވެ. އެކަން ޙާޞިލްކުރެވޭނީ ގޭތެރޭގައި އެމީހެއްގެ އަޚްލާޤް ރިވެތިކޮށްގެންނެވެ. އެހެނަސް ބައެއް މީހުންނަށް ޢަމަލުކުރެވެނީ ވަރަށް ތަފާތު ގޮތަކަށެވެ.  

މިހެން މިބުނަނީ ބައެއް މީހުން ރާޒުވާ ފަދަ ކުޅިވަރެއް ކުޅެން ވަރަށް ކެތްތެރިކަމާއިއެކު އެތައް ގަޑިއިރަކު މަޑުން އިނދެއެވެ. އަނެއް ބައަކު މުޅި ދުވަހު ކުޑަކުޑަ ބޯޅައެއްގެ ފަހަތުން ހިނގައިފާނެއެވެ. (ގޮލްފްކުޅުން) އަނެއް ބައަކު ދޮށްޓެއް އެއްލުމުން މަހެއް ނުގަތް ނަމަވެސް ކެތްތެރިކަމާއިއެކު އެތައް ގަޑިއިރަކު އިންތިޒާރުކުރެއެވެ. އަނެއް ބައަކު މިސްކިތުގައި ޤުރްއާން ކިޔަވަން އެތައް ގަޑިއިރަކު ކެތްތެރިކަމާއިއެކު މަޑުކުރެއެވެ.  

ފާހަގަކުރަންޖެހޭ ކަމަކީ މިހައި ކެތްތެރި ބައެއް މީހުން ގޮސް ގެއަށް ވަންނައިރު އޭނާއަށް ބޭނުންވާ ކަންކަން ވަގުތުން ފުރިހަމަވެފައި ނެތްނަމަ ފުންމައިގެންދާކަމެވެ. ތިމާގެ ލޯބިވާ އަނބިމީހާއަށް ނުބައި ބަސްތައް ބުނެ އަދި ބައެއް ފަހަރު އަތްވެސް އިސްކުރެވޭ ކަމެވެ.  

މިނުބައިކަންބޮޑު އާދަ ދޫކޮށްލަން އެބަޖެހެއެވެ. މިއީ މުސްލިމުންގެ ކިބައިގައި އެއްގޮތަކަށްވެސް ހުރެގެންވާނެ ސިފައެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ވަރަށް ސާފެވެ. " އަދި ތިއަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ." (އަލްޢަންފާލް: 46) 

"އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންވާށެވެ! އަދި ތިއަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިއަބައިމީހުން ފިނޑިވެ، ތިއަބައިމީހުންގެ ބާރު ނެތި ހިނގައިދާނެއެވެ. އަދި ތިއަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ." (އަލްޢަންފާލް: 46)  

" ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންވާށެވެ!" އަމުރުފުޅު ކުރެއްވެވުމަށްފަހު މިއާޔަތުގައި ﷲ ތަޢާލާ ފުރަތަމަވެސް އަންގަވާފައި އެވަނީ " ތިއަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ!"  

އެކަމުގެ ސަބަބުވެސް އެވަނީ ބަޔާންކުރައްވަވައިފައެވެ. "(ދެބަސްވެ އަރާރުންވާނަމަ) ތިއަބައިމީހުން ފިނޑިވެ، ތިއަބައިމީހުންގެ ބާރު ނެތި ހިނގައިދާނެއެވެ." ވީމާ ގެއަށް ވަންނަގޮތަށް އަނބިމީހާ ހިތުގައި ޖައްސައި ރޮއްވާނަމަ އެމީހަކީ "ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ" މީހަކަށްވެވިދާނެ ހެއްޔެވެ؟  

ޙަޤީޤީ ކެތްތެރިންނަކީ ތިމާ ކެތްތެރިވާން ބޭނުންވާ ކަންކަމުގައި އެކަނި ކެތްތެރިވެވޭ މީހުންނެއް ނޫނެވެ. ހިތް ނުރުހޭ ޙާލަތުގައިވެސް އަދި ހުރިހާ ޙާލަތެއްގައިވެސް ކެތްތެރިވާ މީހުންނެވެ، ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާނީ އެއިރުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން