އޭނާއަކީ މެޑިސިން ކިޔަވާ ދަރިވަރެކެވެ. އެމްބީބީއެސް ގެ ފަހު އަހަރެވެ. ބައްޕަ މާބޮޑަށް ބަލިވުމުން ކޮލެޖަށް ފީދެއްކޭނެ ގޮތެއް ނެތެވެ. ފީނުދެއްކިއްޖެނަމަ އިމްތިޙާނެއް ނުހެދޭނެއެވެ. ދުޢާކުރުން ފިޔަވައި ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުން އޭނާ ދިއައީ ދުޢާކުރަމުންނެވެ. މަގެއް ނުފެނި ދިގުލައި ދިއުމަކުންވެސް ކަންބޮޑެއް ނުވެއެވެ. އުންމީދު ކަނޑައެއްވެސް ނުލައެވެ.
އެއްދުވަހެއްގެ ހަވީރެވެ. ހިތްހަމަޖައްސާލަން ޕާކަކަސް ގޮސް އިނދެވެސް ކުރިކަމަކީ ދުޢާކުރުމެވެ. އެހެން އިނދެފައި ތެދުވެގެން ތެދުވެވުނީ އިށީނދެއިން ގޮނޑީގައި ފޯނު ބާއްވާފައެވެ. އެކަން ފާހަގަކުރެވުނު ތަނަވަސް ޒުވާނަކު ގޮސް ފޯނު ނަގައިގެން އެކުއްޖާ އެނބުރި އައުމުގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.
އިރުކޮޅެއްވީތަނާ އައިކޯލެއް ނެގިއިރު މަންމަގެ ކޯލެކެވެ. ދެއްކި ވާހަކައިން އެކުއްޖާގެ ޙާލަތު އެނގުނެވެ. އަނގައިން ނުބުނެ ހުއްޓާ މަންމަ ފޯނުކަނޑާލިއެވެ. މަންމަ އެދުނީ މާޔޫސްވެގެން ބޭރުގައި ނުއުޅެ އަވަހަށް ގެއަށް އައުމަށެވެ. ކޮންމެ ކަމަކަށްވެސް ވަޤުތެއް އޮންނާނެކަމަށާއި އެވަޤުތު ޖެހުމުން ﷲ ތަޢާލާ ޙައްލުކޮށް ދެވަވާނެކަން ޔަޤީންކުރުމަށެވެ.
އިރުކޮޅަކުން އޭނާ އެނބުރި އައިސް ގޮނޑިމަތީގައި އޮތް ފޯނެއް ދުށިންތޯ ސުވާލުކުރުމުން ފޯނުދީފައި މިއީ ކަލޭގެ ފޯނުކަން ޔަޤީންކޮށްދިނުމުގެ ގޮތުން ފޯނުހުޅުވައި އޭނާގެ ނަންބަރަށް ގުޅައިލުމަށް ބުންޏެވެ. ގުޅުމުން ފޯނުކަނޑާލާފައި ބުނީ އޭނާއާއިއެކު އޭނާގެ ގެއަށް ގެންދިއުމަށެވެ. ބޭނުން ބުނާނީ ގެއަށް ގޮސްފައި ކަމަށެވެ. ގެންދަން އެބުނީ އޭނާގެ ގެއަށްކަމަށްވުމުން އެކަމަށް ރުހި އޭނާއާއިއެކުގައި އަުމަށް ބުންޏެވެ.
ދިއަ މަގުމަތީގައި ޒުވާނާ ސުވާލުކުރުމުން އަންހެންކުއްޖާ އޭނާގެ ޙާލަތު ޒުވާނާއަށް ކިޔައިދިނެވެ. ގެއަށް ގޮސް ބައްޕަގެ ބަލިޙާލާއި ކަންކަން ހުރި ގޮތް ލޮލަށް ފެނުމުން ބުންޏެވެ. "މީގެ ކުޑައިރުކޮޅެއް ކުރިން ތިބާގެ ފޯނު އަހުރެންގެ އަތުގައި އޮއްވައި ތިބާއަށް ތިބާގެ މަންމަ ކުރި ކޯލް ނަގައި އަޑުއެހީމެވެ. ތިބާ ކިޔައިދިން ޥާހަކަތައްވެސް އަޑުއިވިއްޖެއެވެ. އެހެންވީމާ އިތުރަށް ސުވާލުކުރާކަށް ނެތީމެވެ. މިއޮތީ އަހުރެންދޭ ހަދިޔާއެކެވެ. ތިބާގެ ކޮލެޖްފީ ދައްކައި ބައްޕަގެ ކަންކަން ބެލެހެއްޓޭނެ ވަރަށް މިކާޑުގައި މިހާރުވެސް ފައިސާ ހުންނާނެއެވެ. އިރާދަކުރެއްވިއްޔާ ތިއަ ކާޑުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނަމަ ތިއަ ކާޑުން ފައިސާ ހުހެއް ނުވާނެއެވެ. ވީވަރަކުން މިގެއަށް އައިސް ބައްޕަގެ ޙާލުވެސް ބަލާނަމެވެ."
އެހެން ބުނެފައި މަންމައަށް މޫނުލައި "މަންމާއެވެ! އަހުރެންނަށް ދުޢާކޮށްދޭނެ މަންމައެއް ނެތެވެ. މަންމަ ވަނީ ނިޔާވެފައެވެ. އަހުރެންނަށްޓަކައި ހެޔޮދުޢާކޮށްދޭށެވެ!" ބުނެފައި މަންމަގެ ނިތްކުރިއަށް ބޮސްދީފައި ނުކުމެގެންދިއައީއެވެ.
އެއިގެ ދުވަސްކޮޅެއްފަހުން ބައްޕަގެ ޙާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހުމުންވެސް ހުރިހާ ޚަރަދެއް ކޮށްދިނީ އެޒުވާނާއެވެ. ބައްޕަ ނިޔާވި ވަޤުތު ވެސް ޒުވާނާ އެތަނުގައި ހުއްޓެވެ. އަންހެން ކުއްޖާ ވީދެރައިން ރޮމުން އައިސް ޒުވާނާގެ ގައިގައި ބައްދާލާފައި ބުންޏެވެ. "އަހުރެންގެ ބޭބެއެއް ކޮއްކޮއެއް ނެތެވެ. ހުރީ ހަމައެކަނި ބައްޕައެވެ. ބައްޕަވެސް އެވަކިވީއެވެ. އަހުރެންނާއި މަންމަ އެކަނިވީއެވެ."
އަންހެންކުއްޖާގެ ބުރަކަށީގައި ފިރުމައި ހިތްވަރުދީ ހަމައަކަށް އަޅުވާފައި ގޮވައިގެން ގޮސް މަންމަގެ ގާތުގައި ހުއްޓިފައި ޒުވާނާ ބުންޏެވެ. "މަންމާއެވެ! ކަންބޮޑުނުވާށެވެ! ދެމައިންގެ ހުރިހާ ކަމަކާ އަހުރެން ހަވާލުވެއްޖައީމެވެ. ވީމާ އެކަނިވެރިވާކަށް ނުޖެހޭނެއެވެ. ޖަނާޒާއަށްފަހު ކަންކަން ހަމައަކަށް އެޅުނީމާ ދެން އޮތްބައި ކުރިއަށް ގެންދާނީއެވެ! އިން ޝާ ﷲ"
ކުރިމަތިވި މައްސަލަތަކަށް ނުވިސްނައި ލިބުނު ފުރުޞަތުގައި ކިޔަވަން މަސައްކަތްކުރީތީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވިއެވެ. އެކަމުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޙަފްލާ ވެގެން ދިއައީ ދެކުދިންގެ ކައިވެނީގެވެސް ޙަފްލާއަށެވެ. ކައިވެނީގެ ކަންކަން ނިމުމުން ޒުވާނާ ބުންޏެވެ. "އަހުރެން ތިބާއާ ލޯބީގެ ވާހަކަ ނުދެއްކީ ލޯބިނުވަތީއެއް ނޫނެވެ. އަހުރެންނަށް ތިބާގެ ޙާލު އެނގުނު ވަޤުތުން ފެށިގެން ތިބާދެކެ ލޯބިވީމެވެ. ފުރަތަމަ ލޯބިވީ ހަމައެކަނި ﷲ އަށްޓަކައެވެ. އެލޯތްބަށް އަމިއްލަ އެދުންވަދެ ތިބާ ދެކެ ޢިޝްޤީ ލޯބިވެވޭތާ އެތައް ދުވަހެކެވެ. ނުބުނެ ކެތްތެރިވީ ކައިވެނި ނުކޮށް ޢިޝްޤީ ލޯބިން ބައްދާލަންވެސް ބޭނުންނުވާތީ ކެތްތެރިކަން ލިބިގަތުމަށެވެ."
އެކައިވެންޏަށް މިހާރު 20 އަހަރެވެ. ދެމަފިރިން އުފަލުގައި އުޅެނީއެއް ނޫނެވެ. ލޯބިން އެކުގައި އުދުހެނީއެވެ.
މިވާހަކަ ކިޔައިލާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާ ވާހަކައަކަށްވާތީއެވެ. ދުޢާކުރުމުގައި ޘާބިތުން ލައްވަވާ ރަޙްމަތުގެ އިތުރުން ދީންވެރި ހެޔޮލަފާ ޒުވާނުން މިއަދުވެސް އެބަތިބިކަން އެނގިގެންދާ ޙާދިސާއަކަށްވާތީއެވެ.
- މައިމޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް