އަހުރެންގެ ބައްޕަ މީގެ އަހަރުތަކެއް ކުރިން ޣައްޒާއަށް ކުރި ދަތުރެއްގައި ކުރިމަތިވި އެއްކަމަކީ ބައަކު އެއްވެ ތިބެ އެކަކު އަނެކަކަށް ސުވާލުކުރާ މަޖިލީހެކެވެ. އަނެކާގެ ތިބެނީ ކިތައް ދަރިންކަމާއިމެދުގައެވެ. ޢާންމުގޮތެއްގައި 9 އަކުން ފެށިގެން މައްޗަށް ދަރިން ތިބެއެވެ. ބައްޕައަށް ސުވާލުކުރެވުމުން ވަރަށް ލަދުން ހުރެ ބުނަން ޖެހުނީ އެންމެ ދަރިއެއް ކަމަށެވެ.
ޣައްޒާއަށް ކުރިމަތިވި އެންމެ ބޮޑު މުޞިބާތް ކުރިމަތިވީ މީގެ 2 އަހަރުކުރިން ނަމަވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާ ޙިސޯރުކޮށް ޖަލަކަށް ހަދާފައިވާ އޮންނަތާ އެތައް އަހަރެކެވެ. އެމީހުންނަށް ދިރިއުޅެންޖެހިފައި އޮތީވެސް ވަރަށް ދަތިޙާލުގައެވެ. އެހެންކަމާއިއެކުވެސް އެމީހުންނަށް ލިބޭ ދަރިން ގިނަވެގެން ކަންބޮޑެއް ނުވެއެވެ.
އެއީ އެމީހުން ރިޒުޤާއިމެދު ކަންބޮޑުނުވާތީއެވެ. ﷲ ތަޢާލާ ރިޒުޤް ދެއްވަވާނެކަން ޔަޤީންކުރާތީއެވެ. ރިޒުޤާއިމެދު ކަންބޮޑުވެވެނީ ރިޒުޤް ހޯދަބންޖެހޭނީ ތިމާކަމަށް ވިސްނާތީއެވެ. އެއީ އަހުރެމެން މުސްލިމުން ވިސްނަން އޮތްގޮތެއް ނޫނެވެ. އަހުރެމެންނަށް އޮތީ ރިޒުޤް ހޯދަން މަސައްކަތްކުރުމާއި ދެއްވަވާ ރިޒުޤަށް ޝުކުރުވެރިވުމެވެ.
މިއީ ޣައްޒާއާއިމެދު އަހުރެންނަށް ބައްޕަ ކިޔައިދިން ވާހަކަތަކުން ހަނދާނުގައި ހަރުލާފައި ހުންނަ ކަމަކަށްވާތީ ފާހަގަކޮސްލީއެވެ.
- ޝައިޚް އައުސަމާގެ ބަސްފުޅަކުން