ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށްވާނެ ގޮތަށް ދުނިޔޭގަ އުޅުމަކީ ބުރަކަމެއް ނޫން! އެއީ ވަރަށް ފަސޭހައިން ކުރެވެން ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށްވާނެ ގޮތަށް ދުނިޔޭގަ އުޅުމަކީ ބުރަކަމެއް ނޫން! އެއީ ވަރަށް ފަސޭހައިން ކުރެވެން ކަމެއް!

އިންސާނާއަށް ބަލައިފިނަމަ އެންމެ ފުރިހަމަ ނޫނީ ކޮންކަމެއް ހެއްޔެވެ؟ ހުރިހާ ގުނަވަންތަކެއް އެންމެ ފުރިހަމައަށް އުފައްދަވައި ހިތަށް ދެއްވަވާފައިވާ އިޚްތިޔާރުތަކާއި ސިކުނޑިއަށް ދެއްވަވާފައިވާ ކުޅަދާނަކަން އެނގުމުން ޙައިރާން ނުވާނީ ކާކުހެއްޔެވެ؟  

ދެން މިއުފައްދާ ސުވާލަކީ މިހައި ފުރިހަމައަށް މިހައި ފުރިހަމަ ކަމާއިއެކު އިންސާނާގެ ހުރިހާ ކަންކަމެއް ލައްވަވައި އަދި އިންސާނުންނަށް ބޭނުންވާނެ ހުރިހާ ނިޢުމަތްތަކެއް ދެއްވަވައި ދުނިޔޭގައި އުޅުމުގެ ފުރުޞަތު ދެއްވެވުމަށްފަހު އެހައި އަވަހަށް އަނބުރައި ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަނީ ކީއްވެގެން ހެއްޔެވެ؟  

މިސުވާލުގެ ޖަވާބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަމަކު ﷲ ތަޢާލާ އަންގަވައިދެއްވަވާފައިވާ ކަމެއް އެބަ އޮތެވެ. އެއީ މިހުރިހާ ނިޢުމަތްތަކެއް މިހައި ފުރިހަމައަށް ދެއްވަވައި އިންސާނާ ދުނިޔޭގައި ލައްވަވާ ސަބަބެވެ.  

"ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."

(އައްޛާރިޔާ: 56) 

ކުރިން މިބުނި ސަބަބު އެނގެނީ މިއާޔަތުންނެވެ. އަދި އެސަބަބަކީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. މިބަސްފުޅުގެ މާނައަކީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވެގެން ދުނިޔޭގައި އުޅުމެވެ. ނަހީކުރެއްވެވި ކަންކަމުން ދުރުހެލިވެ ކުރަން އަންގަވާފައިވާ ކަންކަން ކުރުމެވެ. އެއިރުން ތިމާއަށް އަބަދުވެސް ހުރެވޭނީ އަޅުކަންކުރުމުގައެވެ. ކުރާ ކޮންމެ ކަމަކީ އަޅުަކމަކަށްވާނެ ގޮތަށް ދުނިޔޭގަ އުޅުމަކީ ބުރަކަމެއް ނޫންކަމަށާއި އެއީ ވަރަށް ފަސޭހައިން ކުރެވެން ކަމެއްކަމަށް މިބުނަނީ އެހެންވެގެންނެވެ.    

ސުވާލަކީ އިންސާނާ ދުނިޔޭގައި ހޭދަކުރީ 70 އަހަރުކަމަށް ބަލައިފިނަމަ އެ 70 އަހަރުގެ ތެރެއިން ކިތައް އަހަރު މި އާޔަތުގައިވާ ފަދައިން ﷲ ތަޢާލާއަށް އަޅުކަންކުރެވުނު ހެއްޔެވެ؟ އެއްވެސް ޙާލެއްގައި މިއާޔަތުގައި އެވަނީ އެމީހަކަށް މުސްލިމް ނަމެއް ކިޔުމެއް ނޫނެވެ. މުސްލިމް ނަމެއް ކިޔައިގެން އުޅުނަސް މިއާޔަތަށް ޢަމަލުކުރިކަމަށްވާނީ އާޔަތުގައިވާ ފަދައިން ޢަމަލުކުރީމައެވެ.  

ވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޙަޔާތުން މިހައިތަނަށް މި އާޔަތަށް ޢަމަލުކުރެވުނުވަރު ބަލައިލާށެވެ. އެއިރުން އެމީހަކު ހުރި ޙާލު އެމީހަކަސް އެނގިގެންދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން