މިއޮތީ ކަންބޮޑުވުންތަކުން ސަލާމަތްވެވި ހަމަޖެހިގެން ހުރެވޭނެ ހަމައެކަނި މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މިއޮތީ ކަންބޮޑުވުންތަކުން ސަލާމަތްވެވި ހަމަޖެހިގެން ހުރެވޭނެ ހަމައެކަނި މަގު-

ދުނިޔޭގެ ޙަޔާތަސް ބަލާއިރު ދިރިއުޅުން ކާމިޔާބުކުރެވެނީ ތިމާ އެދޭގޮތަށް ހުރިހާ ކަންކަން ކާމިޔާބުކުރެވޭ މީހުންނަކަށް ނޫނެވެ. ކުރިމަތިވާ ކަންކަން ޙައްލުކޮށް އަރައިގެނެވޭނެ ގޮތަށް ވިސްނައި ޢަމަލުކުރާ މީހުންނަށެވެ. ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިތުބާރުކުރާ މީހުންނަށެވެ.  

ވަރަށް ފަހުން އަހުރެންގެ ލަފައެއް ހޯދަން އައި ޒުވާނެކެވެ. އޭނާ ބުނީ ދިރިއުޅުމުގެ އެއްވެސް ކަމެއް އޭނާ ގެންދަން ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެހެންވެ އޭނާ މިހުންނަނީ ދިރިއުޅުމާއިމެދު ވަރަށް ބޮޑަށް މާޔޫސްވެގެން ކަމަށެވެ.  

އަހުރެން ބުނީމެވެ. ތިބާ ކޮންމެ ދުވަހަކު ބަސްދަތުރުކުރަމުއެވެ. ޑްރައިވަރުންނަށް ތިބެނީ ދަންނަ މީހުންނެއް ނޫނެވެ. ފްލައިޓެއްގައި ދަތުރުކުރާއިރު ޕައިލެޓަކީ ކާކުކަމެއް ނުއެނގެއެވެ. ކަނޑުގައި ދަތުރުކުރާއިރު ކެޕްތަނަކީ ކާކުކަމެއް ނުއެނގެއެވެ. އެކަމަކު ދަތުރުކުރަނީ އެމީހުންނަށް އިތުބާރުކޮށްގެންނެވެ. އެއްވެސް ކަންބޮޑުވުމެއް ނެތިއެވެ. 

ޙަޔާތުގެ ދަތުރުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން އެބައެނގެއެވެ. ކޮންމެ ކަމެއްވެސް ނިންމަވާނީ ތިމާއަށް އެންމެ ފައިދާހުރި ގޮތަށްކަން އެބައެނގެއެވެ. އެހެންކަމަށްވާއިރު ދިރިއުޅުމުގެ ކަންކަން ތިމާ ބޭނުންވާ ގޮތަށް ކުރިއަށް ނުދާތީ ކަންބޮޑުވަނީ ކީއްވެގެންހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާޔޫސްބަލީގެ ޝިކާރައަކަށް މީހާ ވެގެންދަނީ މިބުނި މަގުން ނުވިސްނާތީއެވެ. ތިމާއަށް ދެރަނިކަމެތިކަމެއް ލިބޭނެގޮތަށް ﷲ ތަޢާލާ އެއްވެސް ކަމެއް މިންވަރު ނުކުރައްވަވާނެ ކަމުގެ ޔަޤީންކަން ހިތުގައި ނުއޮންނާތީއެވެ.  

އެކަން އެހެންވުިމަށް މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ﷲ ތަޢާލާއަށްޓަކައި ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެވުމެވެ. އެހެންވެ ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ﷲތަޢާލާ ކަންކަން ހިންމަވައި ދެއްވަވައިފާނެ ކަމާއިމެދު ހިތުގައި ޝައްކު އުފެދެނީއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ވަކީލް ނުކުރެވެނީއެވެ.  

ހުރިހާ ހާސްކަމެއް ފިލައި އުފަލުގައި ހުރެވޭނެ ހަމައެކަނި މަގަކީ ތިމާއަށް ދެރަވާނެ ގޮތަކަށް ﷲ ތަޢާލާ އެއްވެސް ކަމެއް އިރާދަނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުރުމެވެ. ތިމާ ބޭނުންވާ ގޮތް ހާމަކޮށް ދުޢާކުރާށެވެ. އެއީ ތިމާއަށް އެންމެ ފައިދާހުރި ގޮތްކަމުގައިވާނަމަ ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން