ދުޢާކުރާއިރު ސަމާލުކަންދޭންވީ ހުރެވޭ ތަނަކަށް ނޫން! ސަމާލުކަންދޭންވީ ވަޤުތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ދުޢާކުރާއިރު ސަމާލުކަންދޭންވީ ހުރެވޭ ތަނަކަށް ނޫން! ސަމާލުކަންދޭންވީ ވަޤުތަށް!

ގިނަ ބައަކަށް ދުޢާކުރަން ހަނދާންވަނީ ކަމަކަށް ބޭނުންޖެހުމުންނެވެ. އަހުރެން ބުނާނީ އެއްވެސް ކަމަކަށް ބޭނުން ނުވިޔަސް ދުޢާކުރާށެވެ! ދުޢާކުރާނެ ވަކި ޚާއްޞަ ބޭނުމެއް ނެތްނަމަ ދެދުނިޔޭގައި އުފާވެރިކަން ދެއްވަވާ އަޅަކުކަމުގައި ލެއްވެވުމަށް ދުޢާކުރެވިޑާނެއެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރަން ވަކި ޢަދަދެއް ނެތެވެ. ކުރެވުނުހައި ގިނައިން ކުރަންވީއެވެ.  

ދުޢާކުރުމަކީ އަޅާ އާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ޚާއްޞަ ގުޅުމެކެވެ. ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ދުޢާ ކުރުމަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ވަރަށް ބޮޑަށް ލޯތްބާއި އިތުބާރު އޮންނަ މީހަކަށް ނުނީ ކުރެވޭނެ ކަމެއް ނޫނެވެ.  

ބައެއް މީހުން މިސްކިތަށް ގޮސް ނޫނީ ދުޢާ ނުކުރަން ތިބެއެވެ. މީސްތަކުންނޭވެ! ދުޢާ ކުރުމަށްޓަކައި މިސްކިތަށް ދާކަށް ނުޖެހޭނެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރެވޭނެއެވެ. އެކަމުގެ ލުއިފަސޭހަކަން ﷲ ތަޢާލާ ވަނީ އަހަރެމެންނަށް ދެއްވަވައިފައެވެ. ވީމާ ގޭގައި ހުރެގެންވެސް އަދި ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ދުޢާކުރާށެވެ! ކޮންމެ ތަނެއްގައި ހުރެގެން ދުޢާކުރި ނަމަވެސް ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ.  

ﷲ ތައާލާއަށް ދުޢާ ކުރުމަށް ހުންނަން ޖެހޭ ވަކި ތަނެއް ނެތެވެ. ހަމަ ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރަންވީއެވެ. އެހެންކަމާއިއެކުވެސް ދުޢާ ކުރުމަށް ޚާއްޞަ ވަގުތުތަކެއް އެބަހުއްޓެވެ.  

މިސާލަކަށް ކޮންމެ ފަރުޟު ނަމާދަކަށްފަހު ދުޢާކުރަންވީއެވެ. މުޅި ހުކުރު ދުވަހަކީ ދުޢާ ކުރުމުގެ ވަގުތެވެ. ރޯދައަށް ހުންނަ ވަގުތުތަކަކީ ދުޢާ ކުރުމަށް ވަރަށް ޚާއްޞަ ވަގުތެވެ. ޚާއްޞަކޮށް ރޯދަ ވީއްލާ ވަގުތެވެ. ސަޖިދައިގައި އޮންނަ ވަގުތަކީވެސް ދުޢާ ކުރުމަށް އެންމެ ޚާއްޞަ ވަގުތެކެވެ. ހަމަ އެއާއިއެކު ރޭގަނޑުގެ 3 ބައިން ފަހުބައަކީ ދުޢާ ކުރުމަށް ވަރަށް ޚާއްޞަ ވަގުތެކެވެ. މީގެ އިތުރުން ބަންގި ޢާއި ޤަމަތްދިނުމާއި ދެމެދުގައިވާ ވަޤުތެވެ. 

މީހަކު މިދުނިޔޭގެ ބޭނުމަކުވެސް އަދި އާޚިރަތުގެ ބޭނުމަކުވެސް ދުޢާކޮށްފިނަމަ އެ ދުޢާ ﷲ ތަޢާލާ އިޖާބަ ކޮށްދެއްވަވާނެ ގަޑިއެއް ރޭގަނޑުގެ ވާކަމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. (ޞަހީޙް މުސްލިމް: 1655)  

ހަމައެއާއިއެކު ޞަޙީޙް މުސްލިމްގެ 1657 ބަލާށެވެ! ރޭގަނޑުގެ 3 ބައިން ފަހުބައިގައި ﷲ ތަޢާލާ 3 ވަނަ އުޑަށް ކުއްތަންވެވޮޑިގެން ތިމަން ﷲ ގެ ކިބައިން ކަމަކަށް އެދި ދަންނަވާ އަޅުންނަކީ ކޮބައިތޯ ސުވާލު ކުރެއްވެވުންމަތީގައި ފަތިސްވުމާއިހަމައަށް ވޮޑިގެންވެއެވެ. އަދި ހަމަ އެވަގުތުގައި ތިމަން ﷲ ގެ ޙަޒްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވަނީ ކޮން ބައެއްތޯ ސުވާލު ކުރައްވަވައި އެ މީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް ވަޙީކުރައްވަވައެވެ.

 

- ޑރ. ޒާކިރް ނައިކުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން