އާޚިރަތް ލިބެންއެދޭ ކޮންމެ އަންހެނަކާ ފިރިހެނަކުވެސް ކައިވެންޏާ ވަރިއާ އަދި ތިމާގެ އަޚްލާޤާމެދު މިކަންކަމަށް ވިސްނަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އާޚިރަތް ލިބެންއެދޭ ކޮންމެ އަންހެނަކާ ފިރިހެނަކުވެސް ކައިވެންޏާ ވަރިއާ އަދި ތިމާގެ އަޚްލާޤާމެދު މިކަންކަމަށް ވިސްނަން އެބަޖެހޭ!

އިސްލާމް ދީނުގައި ކައިވެންޏާއި ވަރީގެ ކަންކަން އޮތް ލުއިފަސޭހަކަމަށް ނުވަތަ ޙުކުމަށް  ފާޑުކިޔާ މީހުން އުޅެއެވެ. ގިނަ އަނބިންނާއި ކައިވެނިކުރުން ހުއްދަވީމާވެސް ފާޑުކިޔައެވެ. މިއީ ވިސްނައިލުމެއް ނެތި ދައްކާ ވާހަކަތަކެއްކަން އެނގެނީ އެމީހުންގެ ޙާލަތުހުރިގޮތުންނެވެ.   

މިޘާލަކަށް ފުރަތަމަ އިންޑިއާ ނަގާށެވެ! މުސްލިމުން ގިނަ އަނބިން ގެންގުޅުން ހުއްދަވީމާ ފާޑުކިޔާ މީހުންގެ ޙާލަތަށް ބަލާއިރު ދެއަނބިން ގެންގުޅޭ މީހުންގެ ޢަދަދު ނިޞްބަތުން ގިނައީ އެކަން މަނާކޮށްފައިވާ ދީންތަކުގައެވެ.  

ދެން ބަލައިލަންވީ އެމެރިކާއަށެވެ. އެމީހުން އިތުރު އަނބިންނެއް ނުގެންގުޅެއެވެ. ދެމަފިރިންވެސް އަނެއް ޖިންސުގެ މަދުވެގެން 10 ވަރަކަށް މީހުންނާއިއެކު "ޑޭޓް" ކުރެއެވެ. ޖިންސީ ގުޅުން ހިންގައެވެ. މިވީ ކިހިނަކުން ހެއްޔެވެ؟  

ހުޅަނގަށް ބަލައިފިނަމަ ކައިވެނިކުރުންވެސް މުހިންމެއް ނޫނެވެ. ޖަނަވާރު އުޅޭފަދައިން އުޅެނީއެވެ. އެރެއަކު ބޭނުންވާ މީހަކާއިއެކު ރޭކުރަނީއެވެ. ބަފާ ކަށަވަރުވަނީ މަދު ދަރިއެއްގެއެވެ. ކުކުޅަށްވެސް އޭތި ބިސްއެޅީ ކޮން ޙާލަކަށްކަން ނުއެނގޭ ގޮތަށެވެ.  

ތިމަންނަމެން މިތިބީ އެންމެ ބޮޑަށް ކުރިއަރައި ތަހުޒީބުވެގެންކަމަށް ބުނެ އެކަމަށް ދަޢުވާކުރާ މީހުންގެ ޙާލުހުރީ މިފަދަ ގޮތަކަށެވެ. ހިތާމައަކީ އަހުރެމެންގެ ތެރެއިންވެސް ބައަކަށް މިކަންކަން ރީތިވެ ކުކުޅުހާލުގެ ދަރަޖައަށް ވެއްޓެމުން އަންނަ ކަމެވެ.  

މީހުންގެ އަނބިންނާ ޒިނޭކުރާ މީހުންނާ އެމީހުންނާ ޒިނޭކުރާ އަނބިންގެ ޙާލާއިމެދު ވިސްނައިލުމުން ފެންކަޅިނުވާނީ ކޮން ލޮލެއް ހެއްޔެވެ؟ ކައިވެނިނުކޮށް ތިބެގެންވެސް ބިރެއްނެތި ޒިނޭކުރެވޭނަމަ މިވެށްޓިގަނެވެނީ ކޮން ޙާލަތަކަށް ހެއްޔެވެ؟  

އަހުރެންނާއި ދާދިފަހުން ބައްދަލުވި ހުޅަނގާއި އެމެރިކާގެ އަންހެނުންގެ ވަފުދަކުން ބުނީ އެމީހުން އިސްލާމްވި އެންމެ ބޮޑު ސަބަބަކީ ކައިވެންޏާއި ވަރީގެ ކަންކަމުގައި އަންހެނުންނަށް އިސްލާމްދީނުގައި ދީފައިވާ މަތިވެރި ޤަދަރާއި ބާރުކަމަށެވެ. ވަރިކުރުމުގެ ބާރު ފިރިހެނުންނަށް އޮތްފަދައިން ވަރިވުމުގެ ބާރު އަންހެނުންނަށް ލިބިފައިވާކަން އެމީހުން ޚާއްޞަގޮތެއްގައި ފާހަގަކުރިއެވެ.  

މިހުރީ މިއަދު އަހުރެމެން މުސްލިމުން ވިސްނައި ހޭލުންތެރިވާންޖެހޭނެ މުހިންމު ކަންކަމެވެ. ދުނިޔޭގެ ޙަޔާތް އުފާވެރިކުރަން ކުރާ މަސައްކަތްތަކުގެ އިތުރުން އާޚިރަތް ލިބެންއެދޭ ކޮންމެ އަންހެނަކާއި ފިރިހެނަކުވެސް ކައިވެންޏާއި ވަރިއާއި އަދި ތިމާގެ އަޚްލާޤާއިމެދު މިކަންކަމަށް ވިސްނަން އެބަޖެހެއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން