ކޮންމެ ކަމެއްވެސް ކޮންމެ ޙާލަތެއްވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ! ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތުން ކުރިމަތިކުރައްވަވާ އެއްވެސްކަމެއްގައި ނުބައިމިންވަރެއް އޮންނާނެކަމަށް ޤަބޫލުވެސްކޮށްގެން ނުވާނެއެވެ.
މެދުވެރިވާ ކަންކަން ބެހިގެންދަނީ ދެބައަކަށެވެ. ފުރަތަމަ ބައަކީ ތިމާ ކުރާ ކަމެއްގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. މިޘާލަކަށް ކައިވެނި ރޫޅައިލުމަށްފަހު އެކަމަށް އިސްނެގި މީހާއަކަށް މިއީ މިންވަރުފުޅުކަމަކަށް ނުބުނެވޭނެއެވެ. އެކަންވާނީ އޭނާއަށް ލިބިދެއްވަވާފައިވާ އިޚްތިޔާރުގެދަށުން އޭނާ އަމިއްލައަށް ކުރިކަމަކަށެވެ. ނަމަވެސް އަނެކާއަށް އެކަންވާނީ މިންވަރުފުޅު ކަމަށެވެ.
"ހެޔޮމިންވަރާއި ނުބައި މިންވަރު" މިބަސް އުފެދިގެން މިއުޅެނީ ޤަޟާޤަދަރު މާނަކުރުމުގައެވެ. މިބަހުގެ ފުރިހަމަ މާނައަކީ ލައްވަވާ ހެޔޮ ރަޙްމަތަށް ޝުކުރުވެރިވާ ފަދައިން ކުރިމަތިކުރައްވަވާ ތަކްލީފްތަކަށްވެސް ކެތްތެރިވެ ޝުކުރުވެރިވުމެވެ. ތަކްލީފްތައް ކުރިމަތިކުރައްވަވަނީ އިމްތިޙާން ކުރެއްވެވުމަށެވެ. އިމްތިޙާނުން ފާސްވުމުން އެމީހަކަށް ހެޔޮ ގޮތްތައް ދެދުނިޔޭގައިވެސް މިންވަރު ކުރެއްވެވުމަށްޓަކައެވެ. ވީމާ އެކަމަށް ނުބައި މިންވަރެއް ނުކިޔޭނެއެވެ.
މީހެއްގެ ގާތު ޙާލު އަހައިފިނަމަ ކޮންމެވެސް މައްސަލަތަކެއްގެ ވާހަކަތައް ނުދައްކާ މީހަކު ވަރަށް މަދުވާނެއެވެ. މިކަމުން އެނގެނީ ގިނަ ބައަކު ދިރިއުޅެމުން ގެންދަނީ މައްސަލަތަކެއްގެ ތެރޭގައި ކަމެވެ. ދެން ބަލައިލަންވީ މައްސަލަތަކަށެވެ. މައްސަލަތައް ކުރިމަތިވާ ސަބަބަށެވެ.
ގިނަ ބައަކު މައްސަލައެއްގެ ގޮތުގައި ފާހަގަކުރާ އެއްކަމަކީ ދަރިއަކު ނުވަތަ ޢާއިލާގެ މީހަކު މަރުވުމެވެ. އެއީ މައްސަލައެއް ކަމަށް ބުނީ ކާކުހެއްޔެވެ؟ އެއީ މައްސަލައެއް ކަމަށް ބުނެވޭނީވެސް ކާކަށް ހެއްޔެވެ؟ އެހެނީ ކޮންމެ މީހަކު ވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި ލާނެ ނޭވާގެ އަދަދު ކަނޑައަޅުއްވަވައިފައެވެ. ވީމާ ކުރިން މަރުވާނީ ކުރިން މަރުވުމަށް ﷲ ތައާލާ ކަނޑައަޅުއްވަވާފައިވާ މީހެކެވެ. އެގޮތަށް ވިސްނީމާ މައްސަލަތައް ދާނީ ޙައްލުވަމުންނެވެ!
ހުރިހާ ދީންތަކަށް ބެލި ނަމަވެސް ޤަޟާޤަދަރަށް އިމާންވުން އޮތީ ހަމައެކަނި އިސްލާމް ދީނުގައެވެ. ކުރިން މިބުނި ފަދައިން ވާހަކަ ދެއްކުމުގައި ނުބައި މިންވަރު ކަމަށް ބުނި ނަމަވެސް އެއްވެސް ނުބައި މިންވަރެއް ނުއޮންނާނެއެވެ! އެކަމަކުން އަހަރެމެންނަށް ހިތްދަތިކަން ލިބުނު ނަމަވެސް އެއީ ހެޔޮ މިންވަރެވެ! އެހެނީ އެއީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ގޮތެވެ! އަހަރެމެން އެންމެންނަކީ އެކަން އެގޮތަށް ބަލައިގަނެ ޝުކުރުވެރިވާންޖެހޭ ބައެކެވެ.
މިކަންކަން މިގޮތަށް ބަލައިގަނެގެން ދިރިއުޅެން މަސައްކަތްކުރާ މީހަކު އަބަދުވެސް ހުންނާނީ އުފަލުގައެވެ. ހިތްދަތިކަމެއް ކުރިމަތިވިޔަސް ކަންބޮޑުވެ މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހިތްވަރު ލިބިގަނެ ކެތްތެރިވުމަށް މަސައްކަތްކުރާނެއެވެ. އޭނާ ކުރާނެ ކަމަކީ ޙާލަތު ބަދަލުކޮށްދެއްވެވުން އެދިގެން ދުޢާކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން