އެކުވެރިންނާ ބައްދަލުވުމުން ތިމާމެންގެ އަމިއްލަ ވާހަކަ ނޫން ވާހަކަދެއްކުމުން ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެކުވެރިންނާ ބައްދަލުވުމުން ތިމާމެންގެ އަމިއްލަ ވާހަކަ ނޫން ވާހަކަދެއްކުމުން ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭހެއްޔެވެ؟

ރޭއަޅުކަންކޮށް ސުންނަތް ރޯދަހިފައި އުޅުނު މީހުންގެ ތެރެއިންވެސް ގިނަބައަކަށް ﷲ ތަޢާލާގެ ޙަޟްރަތުގަ ހުސްއަތާ ހުއްޓިހުއްޓިހުންނަން ޖެހޭނެއެވެ. އެއީ އެކުވެރިންނާއި ބައްދަލުވުމުން ތިމާމެންގެ އަމިއްލަ ވާހަކަ ނޫން ވާހަކަތައް ދެއްކުނީތީއެވެ. އެހެން އެކުވެރިންނާއި އެހެން މީހުންގެ ވާހަކަތައް ދެއްކުނީތީއެވެ.  

އަހުރެންގެ ނަޞީޙަތަކީ ތިބާގެ އަތުގައި ހުންނަ ފައިސާ ރައްކައުތެރިކުރާވަރަށްވުރެވެސް ބޮޑަށް ތިބާގެ ދޫ ރައްކައުތެރިކުރުމެވެ. ފައިސާއަށްވުރެވެސް ބޮޑަށް ދުލަށް ސަމާލުކަން ދިނުމެވެ.  

މީސްތަކުންނޭވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! އަސްތަޣްފިރުﷲ ކިޔައި ތައުބާވުން ގިނަކުރާށެވެ. ތިމާއަށް ޘަވާބު އިތުރުވާނެ ބަހެއް ނޫނީ ނުބުނަން މަސައްކަތްކުރާށެވެ.  

އަހުރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވޭ މީހުންނެވެ. އެތައް ބައިވަރު އުނިސިފަތައް ހުރި މީހުންނެވެ. އެތައް ކަމެއް އިޞްލާޙްކުރަންޖެހިފައިވާ މީހުންނެވެ. އެހެންކަމަށްވާއިރު އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެކަމުގެ ސަބަބުން ތިމާ އިތުރަށް ފާފަވެރިވެ އަނެކާއަށް ބަދަލުދޭންޖެހުން ނޫންކަމެއް މެދުވެރިއެއް ނުވާނެއެވެ. މިކަންކަމަށް ނުވިސްނާ މީހަކަށް އެމީހަކު ކުރާ ހެޔޮ ޢަމަލުތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

އަހުރެންގެ އެދުމަކީ އަހުރެންގެ މިމެސެޖް ވީހައި ގިނަ ބައަކަށް ފަތުރައި ހޭލުންތެރިކުރުވަން މަސައްކަތްކޮށްދިނުމެވެ. އެމީހުންނަކީ މުފްލިސުންގެ ގޮތުގައި ހުސްއަތާ މަޙްޝަރުކުރައްވަވާނެ މީހަކަށްވުމުން ސަލާމަތްކުރެވޭތޯއެވެ.  

އަހުރެން މިދެއްކީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމުގެ ވާހަކައެވެ. ވީމާ ފަތުރާ މީހަކަށް ޘަވާބު ދެއްވަވާނެތެވެ. އަހުރެންވެސް މަސައްކަތް މިކުރަނީ ޘަވާބު ލިބިގަތުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން