ގިނަ ބައަކު ތިބާގެ މައްޗަށް ކަށުނަމާދުކުރަން އެދޭނަމަ ދެކަމަކަށް ސަމާލުކަންދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގިނަ ބައަކު ތިބާގެ މައްޗަށް ކަށުނަމާދުކުރަން އެދޭނަމަ ދެކަމަކަށް ސަމާލުކަންދޭންވާނެ!

ކޮންމެ މީހަކުވެސް މަރުވާނެއެވެ. މަރުވުމުން ވީހާގިނަ ބައަކު ކަށުނަމާދުގައި ބައިވެރިވުމަށްވެސް އެދޭނެއެވެ. އެހެންކަމަށްވާނަމަ ސަމާލުކަންދޭންޖެހޭނެ 2 ކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަކަމަކީ ތަްްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ދެވަނަކަމަކީ އެންމެންނަށް ހިތްހެޔޮކުރުމާއިއެކު ހިނިތުންވެ ހުރެ ސަލާމްކުރާ މީހަކަށްވުމެވެ. އެހެން މީހުންގެ ހިތް ތިމާގެ މައްޗަށް ބުރަކުރަންޖެހޭނެ ކަމެއް ތިމާ ނުކުރުމެވެ.  

ތިންވަނަ ކަމެއް އިތުރުކުރާނަމަ ބުނަން އޮތީ ޞަދަޤާތްކުރާނެ ތަނަވަސްކަން ނެތްނަމަ މީހަކަށް އެހީތެރިވެދޭން ލިބޭ ފުރުޞަތުގެ ބޭނުން ހިފަންވާނެއެވެ. މިބުނަނީ ކަންކަންކޮށްދިނުމުގައި މީހުންނަށް އެހީތެރިވުމުގެ ވާހަކައެވެ. އެއިރުން އެމީހަކުދެކެ އެންމެންވެސް ލޯބިވާނެއެވެ. އެމީހާ މަރުވުމުން ގިނަބައަކު ހިތާމަކުރާނެއެވެ.  

އަހުރެމެންގެ ތެރެއިން ގިނަ ބައަކު މިއަދު ދިރިއުޅެމުން އަންނަނީ މުޖުތަމަޢުއަށް ސަމާލުކަން ދީގެނެއް ނޫނެވެ. މީހަކާއި ބައްދަލުވިނަމަވެސް ހިނިތުންވެލައި ހިތްހެޔޮކަމާއިއެކު ވާހަކަދައްކައިލަން ބޭނުންވެސް އަންނަނީ މަދުވަމުންނެވެ.  

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަހުރެމެން ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. އެމީހާގެ މައްޗަށް ކަށުނަމާދުކުރެވޭނެ މީހެކެވެ. ކުރިން މިބުނިފަދައިން ކޮންމެ މީހަކުވެސް އެމީހެއްގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ވީހާގިނަ ބައަކު ބައިވެރިވުމަށް އެދޭނެއެވެ. އެހެންކަމަށްވާއިރު އެކަހެރިވެގެން ދުނިޔޭގައި އުޅެގެން އެކަން ޙާޞިލްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ދެން އޮތީ އެމީހެއްގެ ތަޤްވާވެރިކަން އިތުރުކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހުންނަށް ހުރިހާ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ރަށެއްގައި އުޅުނު ވަރަށް ނިކަމެތި މީހެކެވެ. އެހެނަސް ވަރަށް ބޮޑު ތަޤްވާވެރިއެކެވެ. ﷲ ތަޢާލާ އޭނާގެ ފުރާނަ ހިއްޕެވީ ސަޖިދައިގައި އޮއްވައެވެ. އެހެންވެ އެރަށުގެ އެންމެން އޭނާގެ ޖަނާޒާގައި ބައިވެރިވިއެވެ. އެއީ ސަޖިދައިގައި އޮއްވައި ފުރާނަ ހިއްޕެވީތީއެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދޭމީހާ ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އަދި އެންމެހައި މީސްތަކުންނަށް ހިތްހެޔޮކޮށް ގުޅުން ބަދަހިކުރަން މަސައްކަތްކުރާށެވެ. ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެ ތިމާގެ މައްޗަށް ކަށުނަމާދުކުރަން ޖެހިދާނެކަމަށް ވިސްނައިގެން ދިރިއުޅެމުން ގެންދާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން