ހަމައެކަނި އަނބިމީހާ ކައްކާތަކެތީގެ ރަހަ ނުބަޔަސް މީރުކަމަށް ބުނުން ހުއްދައީއެއް ނޫނެވެ. އަނބިޟިހާއަށް ރީތިވެގެންލާ ފޭރާމެއް ރީތިތޯ ސުވާލުކޮށްފިނަމަ ރީތިނޫނަސް އަނބިމީހާ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ރީތިކަމަށް ބުނުން ހުއްދަކަމަށްވެސް ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެނގިގެންމިދަނީ އަނބިމީހާ ދެރަކޮށް ނުލަން ދީން ބާރުއަޅާ މިންވަރެވެ.
ނަމަވެސް އަހުރެމެންގެ ޙާލު މިއަދު މިހުރީ ކޮންފަދައަކުން ހެއްޔެވެ؟ މިބާވަތުގެ ކަންކަމުގައި އަނބިމީހާ ދެރަކޮށްލެވުމުން އުފާވެރިކަން ލިބޭ ބައަކުވެސް އެބައުޅެއެވެ. އެކަމަކު ބުނަނީ މިއުޅެނީ ސުންނަތަށް ޢަމަލުކުރަން ކަމަށެވެ.
ގެއިން ބޭރުގައި އުޅޭއިއރު މީހުންނަށް ސުންނަތުގައިވާ ގޮތް ކިޔައިދެމުއެވެ. ސުންނަތަށް ޢަމަލުކުރުމުގެ މަތިވެރިކަންވެސް ބަޔާންކުރަމުއެވެ. ގެއަށް އައިސް ވަނުމާއިއެކު ސުންނަތުގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓެނީ މަދުމީހަކަށެވެ. އަނބިމީހާ އާއި ދަރިންނާއިމެދު ޢަމަލުކުރެވެނީ ސުންނަތާއި ޚިލާފަށެވެ. އެފަދަ ކުޑަކުޑަ އެހެނަސް ވަރަށް ޢާންމު ކަމެއް ފާހަގަކޮށްލުމުގެ ގޮތުން އަނެއްކާވެސް މިބަލައިލަނީ ކައްކާ ތަކެތީގެ ރަހައަށެވެ.
ދައްކަންހުރި ވާހަކައަށް ފަށައިގަތުމުގެ ކުރިން އަހުރެންނަށް ކުރިމަތިވި ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. އެއްދުވަހު މެންދުރުކާން އިށީނދެ އަނގައަށް ލުމުން ހީވީ ލޮނުގުޅައެއް އަނގައަށް ލެވުނުހެންނެވެ. ރަހަފިލުވަން އަނގަވެސް ދޮވުނީމެވެ. ބަހެއް ނުބުނަމެވެ. ތަށް ފެންފޮދެއް އަޅައި ރަހަ ހެޔޮވަރުކޮށްލާފައި އަނބިމީހާ ޢާއި ސުވާލުކޮށްލީމެވެ. "މިއަދު ބޮލުގައި ރިއްސަނީ ހެއްޔެވެ؟ ނޫނީ ކުދިންގެ ކަންކަން މާބުރަވީހެއްޔެވެ؟"
އަނބިމީހާ ބުންޏެވެ. "ތިއަ ސުވާލު ތިއަކުރީ ލޮނުގަދަވެގެން ކަމަށް ޤަބޫލުކުރެވެއެވެ. މިއަދު ކެއްކި ވަޤުތު ކުޑަދަރިފުޅު ވެއްޓި ބޮލަށް ތަދުވެގެން ރޯންފެށީމާ ކަންކަން އުޅެން ޖެހުނީ އުރައިގެންނެވެ. އެހެންވެ އޮޅިގެން ދެފަހަރަށް ލޮނުލެވުނީކަމަށްވެދާނެއެވެ. އުޅެންޖެހުނު ގޮތުންނާއިއެކު މިއަދު ރަހަވެސް ބަލައެއް ނުލެވުނެވެ."
އަހުރެން ބުނީމެވެ. "ލޮނުގަދަވެއްޖިއްޔާ ތިބާއަށްވެސް ޖެހޭނީ ފެންއަޅާށެވެ. އަހުރެން މިކުރީވެސް ހަމައެކަމެވެ. މައްސަލައެއް ނެތެއް ނޫން ހެއްޔެވެ؟" އެހެންބުނެފައި މީރުކަން ދައްކަން ތަންކޮޅެއް ގިނައިންވެސް ކެއިމެވެ. ދެން އަޑުއަހާށެވެ!
އަނބިމީހާ ކެއްކި ތަކެތީގެ ރަހަ ނުބައިވެގެން ރުޅި އައުމަކީ ރަސޫލް (ﷺ) ގެ ސުންނަތާއި ޚިލާފް ކަމެކެވެ. ދުވަހަކުވެސް ރަސޫލް (ﷺ) އެފަދަ ކަމެއްގައި އެއްވެސް ޝަކުވާއެއް ކުރައްވަވާފައެއް ނުވެއެވެ.
ރަސޫލް (ﷺ)ގެ އަނބިކަނބަލުންގެ ތެރެއިން ޢައިޝާ (ރޢ) އަކީ އުމުރުފުޅުން ވަރަށް ހަގު އަދި ކާބޯތަކެތި ތައްޔާރު ކުރެއްވެވުމުގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭކަނބަލަކަށް ނުވުމުން ފުރަތަމަ ކޮޅުގައި ކެއްކެވި ތަކެތީގެ ރަހަ އެހައި ފުރިހަމައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ދުވަހަކުވެސް އެއްވެސް ޝަކުވާއެއް ކުރައްވަވާފައެއް ނުވެއެވެ. ރަހަ ނުބައިކަމަށްވެސް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މީރުކޮށް ކައްކަވަން ދަސްފުޅުކޮށްދެއްވަވަން ކަންކަން ކުރެއްވެވިއެވެ.
އަހަރެމެން ޢިބްރަތް ޙާޞިލުކުރަންވީ ރަސޫލް (ﷺ) ދެއްކެވި މިފަދަ މިސާލުފުޅުތަކުންނެވެ. އެކަންކަމުން ޢިބްރަތް ޙާޞިލު ނުކުރާނަމަ ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނެ ދުވަހެއް ދުވަހަކުވެސް ނުފެނުން އެކަށީގެންވެއެވެ.
މިފަދަ ތަހުޒީބީ ޒަމާނުގައިވެސް، ގިނަ ބައަކު ކިޔަވައި ހޭލުންތެރިވެގެން ތިބި ޒަމާނުގައި ވެސް ބައެއް ޢާއިލާތަކުގައި އެންމެ ބޮޑު އެއް މައްސަލައަކަށްވެފައި އޮންނަނީ އަނބިމީހާ ކައްކާ ތަކެތީގެ ރަހައެވެ. ޙަޤީޤަތުގައި ގިނަ ފަހަރު މައްސަލަ އުފެދެނީ ރަހަ ނުބައިވެގެނެއްވެސް ނޫނެވެ. ފިރިމީހާ ބޭނުންވާ ވަރަށް މީރުނުވުމުންނެވެ.
ހިތާމައަކީ ތަށި ހޫރައިލުމާއި ނުބައި ބަސްތައް ބުނުން ފަދަ ކަންކަންވެސް ކުރެވޭ ކަމެވެ. ކިތަންމެ މީރުކޮށް ކައްކާ މީހަކަށް ވެސް ހުރިހާ ފަހަރަކު އެއް ފެންވަރަކަށް ނުކެއްކިދާނެއެވެ. ރަހަ ބަދަލުވެދާނެއެވެ. މީގެ އިތުރުން އަނބިމީހާ ކައްކަން އުޅޭއިރު ދަރިންގެ ކިބައިން ނުވަތަ އެނޫންވެސް ގޮތަކުން ކުރިމަތިވާ މައްސަލަތަކެއްގެ ސަބަބުން ދޭންޖެހޭ ސަމާލުކަން ނުދެވިގެންވެސް ރަހަ ބަދަލުވާނެއެވެ. ކާތަކެތި ކައްކަނީ ފިރިމީހާ އެކަނި ކެއުމަކަށް ނޫނެވެ. ދަރިންނާއި އަނބިމިހާވެސް ޖެއުމަށެވެ. ވީއިރު ޤަޞްދުގައި ރަހަ ނުބައި ކުރުމަކީ އެއްވެސް މީހަކު ކުރާނެ ކަމެއް ނޫނެވެ.
ވިސްނައިލަން ޖެހޭނެ އެއް ކަމަކީ އެފަދަ ހާލަތެއް އަނބިމީހާއަށް މެދުވެރިވެފައިވާނަމަ އެކަމުގެ ޒިންމާއިން ބައެއް ފިރިމީހާގެ ބޮލުގައިވެސް އެޅޭ ކަމެވެ. އެހެނީ އެފަދަ ޙާލަތު އަނބިމީހާއަށް މެދުވެރި އެވަނީ އެވަގުތު އަނބިމީހާއަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ގޮތެއް ނެތުމުން ކަމަށްވާތީއެވެ. އެ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން