މީގެ އަހަރުތަކެއް ކުރިން އުޅުނު ވަރަށް މުއްސަނދި އަންހެނަކު ބޭނުންވީ އޭނާ މަރުވުމުން އޭނާގެ އަގުބޮޑު ކާރާއިއެކު ވަޅުލެވޭށެވެ. އެއީ އެކާރުދެކެ އޭނާވާ ލޯބި ބޮޑުކަމުންކަމަށްވެސް ވެދާނެއެވެ. ކުރިއާލައި ސަހަޜާއިން އޭނާ އެކަމަށް ބިންވެސް އޮތީ ގަނެފައެވެ.
އޭނާ އެދުނު ގޮތަށް އެއަވަށުގެ މީސްތަކުން އެކަންތައް ކޮށްދިނެވެ. ބޮޑު ކައްވަޅެއް ކޮނެފައި އޭނާގެ ޤަބުރާއި ޖެހިގެން ކާރުވެސް ވަޅުލިއެވެ. ސުވާލަކީ އެ ކާރު އެތަނުގައި ވަޅުލުމުން އޭނާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ޖަނާޒާގައި ބައިވެރިވެ އެތަން ބަލަން ހުރި މީހަކު ވަގުތުން ބުންޏެވެ. "އަހުރެންގެ މުދަލުން ދަރިންނަށް ޙައްޤުވާ މިންވަރު ހުންނާނީ މިހާރުވެސް ދީފައެވެ. އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ ނަމުގައި މިހާރު ހުރި ހުރިހާ މުދަލެއް ވިއްކާލައި ޞަދަޤާތް ކުރުމަށްފަހުގައި ނޫނީ އަހަރެން ވަޅުވެސް ނުލަން ވަޞިއްޔަތް ކުރަމެވެ. އެއީ ވީހާ ގިނަ ޘަވާބު ހިފައިގެން ކައްވަޅަށްދާން ބޭނުންވާތީއެވެ."
މީސްތަކުންނޭވެ! އޭނާ އެކުރީ ވަރަށް ފައިދާހުރި ވަޞިއްޔަތެކެވެ. އެ ވަޞިއްޔަތަށް އޭނާގެ ދަރިން، ވާރިސުން އަމަލުކޮށްފިނަމަ އޭނާ ކައްވަޅަށް ދާނީ އޭނާގެ ހުރިހާ މުދައު ހިފައިގެންނެވެ. އޭނާއަށް ކައްވަޅުގައިވެސް އާޚިރަތް ދުވަހުގައިވެސް އޭނާގެ މުދަލުން ފައިދާކުރާނެއެވެ.
ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދުނިޔޭގައި ހުރެ އަމިއްލަ އަށް ވީހައި ގިނައިން ޞަދަޤާތް ކުރަމުން ދިއުމެވެ. ގިނައިން ލިބޭނަމަ ގިނައިންނެވެ. މަދުން ލިބޭނަމަ ލިބޭ މަދު މިންވަރުންނެވެ. މީގެ އިތުރުން އެމިހާ އެކުރި ފަދައިން އެމީހެއްގެ މުދައު އެކުގައި ނުވަތަ މުދަލުން ބައެއް ޞަދަޤާތްކުރަން ވަޞިއްޔަތް ކުރަންވީއެވެ. އެއީ އެމީހާ ފަދައިން ވީހާ ގިނަ ޘަވާބު ހިފައިގެން ކައްވަޅަށް ދިއުމުން ކުރާނެ ފައިދާގެ ބޮޑުކަމުންނެވެ.
މީގެ އިތުރުންވެސް ފައިދާހުރި ގޮތެއް އެބައޮތެވެ. އެއީ އެމީހެއްގެ މުދައު ވިއްކާލައި މިސްކިތް، މަދުރަސާއެޅުން، ފެންވަޅު ބެހެއްޓުން ފަދަ ކަމަކަށް ޚަރަދުކުރަން ވަޞިއްޔަތްކުރުމެވެ. އެއިރުން ކައްވަޅުގައި އޮތަސް އެމީހަކަށް ދާނީ ޘަވާބު އިތުރުވަމުންނެވެ. އެހެންވެ އެވާހަކަވެސް ބުނެލީއެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން