އަހުރެން ފުރަތަމަ ބަހެއް ބުނާނީ އަންހެނުންނަށެވެ. ތިއަ ކަނބަލުން ކޮންމެ ދުވަހަކު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުއެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުއެވެ. ދަރިން ބަލަމުއެވެ. މައިންބަފައިންގެ ކަންކަން ބަލަހައްޓަމުއެވެ. ފިރިމީހާގެ ކަންކަން ބަލަހައްޓަމުއެވެ. މިފަދަ ހުރިހާ ކަމެއް ކުރަނީ ޢާއިލީ ޒިންމާއެއް ކަމަށް ދެކެގެން ޢާއިލާއަށްޓަކައެވެ.
އެއިރުންވާ ގޮތަކީ އެކަން ހެޔޮކަމަކަށްވަނީ ދުނިޔޭގައެވެ. އާޚިރަތަށް ގެންދާކަށް ނުލިބޭނެއެވެ. އެއީ ތިބާގެ ނިޔަތުގެ ސަބަބުންނެވެ. ﷲ ތަޢާލާ ތިމާއާއި ޙަވާލުކުރައްވަވާފައިވާ ކަންކަން މިކުރަނީ ﷲ ތަޢާލާއަށްޓަކައި ކަމަށް ނިޔަތް ނުގަންނާތީއެވެ. އެކަމަށް ޘަވާބު އެދިގެން ކަމަށް ހިތަށް ނުގެންނާތީއެވެ. ޢާއިލީ ޒިންމާތައް އަދާކުރާއިރުވެސް އެކަން މިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ކަމަށް ނިޔަތްގަނެގެން ކުރާނަމަ ކުރާ ހުރިހާ ކަމަކަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ވިސްނާށެވެ! ޢާއިލާގެ މީހަކު ނުވަތަ ގާތް އެކުވެރިއަކު ނަމަވެސް ބަލިވެ އުޅޭނަމަ އެމީހަކަށް ޒިޔާރަތްކުރަމުއެވެ. ހަދިޔާވެސް ގެންދަމުއެވެ. ފައިސާއިންވެސް އެހީތެރިވަމުއެވެ. އެކަމަކު ތިމާ އެކަންކަން މިކުރަނީ ﷲ ތަޢާލާއަށްޓަކައި ކަމަށް ނިޔަނުގަންނަނަމަ އެކަންވެސް ނިމިގެންދާނީ ހަމަ ކުރިންވެސް މިބުނި ގޮތަށެވެ. އާޚިރަތަށް އެއްވެސް އެއްޗެއް ގެންދަން ނުލިބިއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ލިސްޓް ދިގުކުރެވިދާނެއެވެ. އެކަމަކު މިބުނި މިންވަރުންވެސް ފުދޭނެއެވެ. ތިމާ ކުރާ ކޮންމެ ޢަމަލެއްވެސް މިކުރަނީ ﷲ ތަޢާލާއަށްޓަކައި، އެކަލާނގެ ޙަޟްރަތުން ޘަވާބަށް އެދިގެން ކަމަށް ނިޔަތްގަނެގެން ކުރެވޭނަމަ ޢާންމު ދިރިއުޅުމުގެ ތެރެއިންވެސް ކޮންމެ ދުވަހަކު ޖަމާކުރެވޭނެ ޘަވާބު ގިނަވާނެ މިންވަރު ހިތަށް ގެންނާށެވެ! އާޚިރަތް ދުވަހު ފައިދާކުރާނީ މިބުނިމަގުން ވިސްނައިގެން ކަންކަން ކުރީމައެވެ.
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން