ޖީ.އެމް ފޯރަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ޝަރަފުވެރިކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޖީ.އެމް ފޯރަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ޝަރަފުވެރިކޮށްދެއްވައިފި

ހޮޓެލިއަރ މޯލްޑިވްސް ޖެނެރަލް މެނޭޖަރުންގެ ފޯރަމް މިއަދު ކުރުންބާ މޯލްޑިވްސް ގައިފަށައިފިއެވެ. މި ފޯރަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އަދަދެއްގެ ޕްރޮފެޝަނަލުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއެރުންތަކާ މެދު މަޝްވަރާކޮށް، މުސްތަޤުބަލަށް ތައްޔާރުވުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޖެނެރަލް މެނޭޖަރުންނާއި ރިސޯޓު މެނޭޖަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސާފުތާހިރު ގޮނޑުދޮށްތަކާއި، ފެންވަރު މަތީ ޚިދުމަތްތަކުގެ ފަހަތުގައިވާ 24 ގަޑިއިރު 7 ދުވަހު ކުރަންޖެހޭ މަސައްކަތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ދިވެހިރާއްޖެ ޕްރިމިއަރ ޓްރެވަލް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓިފައިވަނީ، މެނޭޖަރުންނާއި އެމީހުންގެ ޓީމްގެ ބުރަ މަސައްކަތާއި، ޓީމްވޯކްގެ ސަބަބުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގަށް ބައްލައިލައްވަމުން، ވިދާޅުވީ، ދުނިޔެ ވަރަށް ހަލުވިކޮށް ބަދަލުވަމުން އަންނަ އިރު، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ފަތުރުވެރިންގެ އުންމީދުތަކާއި ޗުއްޓީ ރާވާ ގޮތްވެސް ބަދަލުވަމުން އަންނަ ކަމަށެވެ. މި ބަދަލުތަކަށް ތައްޔާރުވެ، އެކަންކަމުގެ ފައިދާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "މޯލްޑިވްސް 2.0" އިނީޝިއޭޓިވް ތަޢާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މި އިނީޝިއޭޓިވްގެ މައިގަނޑު މަޤްޞަދަކީ، މޮބައިލް، ޗާލާކު، އަދި މާދަމާގެ މައްސަލަތަކާ ކުރިމަތިލާ ޙައްލުކުރުމަށް ތައްޔާރު ޤައުމަކަށް ވުމެވެ. މިއަހަރުގެ ފޯރަމްގެ ޝިޢާރު ޑިޖިޓަލައިޒޭޝަނަށް އަމާޒުކޮށްފައިވާކަން ފާހަގަކުރައްވައި، ޑިޖިޓަލައިޒޭޝަނާއި އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގައި އެކްސެސިބިލިޓީއާއި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުމަށް އުނިކަމެއް އަންނަގޮތަށް ވެގެން ނުވާނެކަން އަލުން ފާހަގަކުރެއްވިއެވެ.

ސަރުކާރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ ގާތުން މަސައްކަތްކޮށް، ރާއްޖޭގެ މަންޒިލުގެ މަޤާމު ކަނޑައެޅުމާއި އިތުރަށް ފުރިހަމަކުރުމަށްޓަކައި، ޖަމާޢީ ގޮތެއްގައި މުޢާމަލާތުކުރުމުގައި އެހީތެރިވެ، އިސްކަންދޭ ކަންކަން ފަހިކޮށްދިނުމަށް ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ފޯރަމް ކާމިޔާބުކަމާއެކު ބޭއްވުމަށް ކުރެއްވި މަސައްކަތަށް ހޮޓެލިއަރ މޯލްޑިވްސް ޖެނެރަލް މެނޭޖަރުންގެ ފޯރަމްގެ ޓީމަށް ޝުކުރު އަދާކުރައްވައި ވާހަކަފުޅު ނިންމަވާލެއްވިއެވެ. އަދި ފޯރަމްގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ބިނާކުރަނިވި މަޝްވަރާތަކަކާއި ރަނގަޅު ދުވަހެއް ލިބުން އެދި ދުޢާކުރެއްވިއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން