މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭ މިސްކިތެކެވެ. މިސްކިތް ނިމުމުން އޭގައި ސޯލާ ޕެނަލްތައް ހަރުކުރެވި، އެއަރކޮންޑިޝަން ކުރެވޭނެއެވެ.
މީގެއިތުރުން މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ޤާއިމްކުރެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. މިއީ ރަށުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތްތަކެއް ކަމަށް ބެލެވެއެވެ.
މި މިސްކިތް އިމާރާތްކުރުމުން ނޫމަރާގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.