ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1.3 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1.3 މިލިޔަން ރުފިޔާ ލިބިއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1,307,100 ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ. މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 691,400 ރުފިޔާއެވެ. މިއީ މިއަހަރާ އަޅާބަލާއިރު 615,700 ރުފިޔާ މަދު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ޖުމްލަ 15 ފޮރިން އިންވެސްޓްމަންޓް ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. ރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓްތަކުގެ އިދާރީ ފީގެ ގޮތުގައި ނަގަނީ 5,000 އެމެރިކާ ޑޮލަރެވެ.

އަހަރުގެ މިހާތަނަށް ފޮރިން އިންވެސްޓްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 75,918 އެމެރިކާ ޑޮލަރެވެ. މިއަދަދު މިހާ މަތިވެފައިވުމުން، ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައިވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމުގެ ހެއްކެއް ކަމުގައި އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން