ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް 40 އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް 40 އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކުރުމަށް ނިންމައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިއު) ޤާއިމްކުރުމަށް 41 އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ މުސްލިމާ އިބްރާހީމް ދީދީ ވިދާޅުވި ގޮތުގައި، މި ނިޒާމު ޤާއިމްކުރުމަށް ގިނަ އޮޑިފަހަރުތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދެއެވެ. އެގޮތުން، އިތުރު ލުއިތަކާއެކު ލޯނަށް ހުޅުވާލި ފަހުން މިހާތަނަށް 70 އަށްވުރެ ގިނަ މަސްވެރިން ވަނީ ލޯނަށް އެދި ހުށަހަޅާފައެވެ.

"އަޅުގަނޑުމެންގެ ޕްރޮޖެކްޓުގެ ދަށުން މި ސިސްޓަމްތައް އެޅުވުމަށް ކުރަމުންދާ މަސައްކަތައް ބަލާއިރުގައި މިހާރު އަޅުގަނޑުމެންގެ އެޕްލިކޭޝަންތައް ރީޗްވެއްޖެ 79އަށްވުރެ މައްޗަށް. ކޮންމެ އެޕްލިކޭޝަން އެއީ އޮޑިއެއް. ދެން މިހާތަނަށް 41އަށްވުރެ ގިނަ އެޕްލިކޭޝަން މިހާރު އަޅުގަނޑުމެން އިންނާނީ އެޕްރޫވްކޮށްލާފަ،" މުސްލިމާ އިބްރާހީމް ދީދީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެފައިވަނީ، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރެވިގެންދިއުމަކީ މަސްވެރި ސިނާއަތަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށެވެ. އަދި މީގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ނިޒާމަކީ މަސްވެރިކަމުގެ ދާއިރާއަށް ގެނެވޭ މުހިންމު ކުރިއެރުމެއް ކަމަށްވެފައި، މީގެ ސަބަބުން މަހުގެ ފެންވަރު ހިފެހެއްޓުމަށާއި މަސްވެރިންނަށް ލިބޭ އަގު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން