ކަނޑިތީމު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެނަކައާއި ހަވަލުކޮށް ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަނޑިތީމު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެނަކައާއި ހަވަލުކޮށް ބިންގާ އަޅައިފި

ށ. ކަނޑިތީމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށް، މިއަދު އެ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައި މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާހު އަދި ކަނޑިތީމު ކައުންސިލުގެ ރައީސް އަހުމަދު އަހުސަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކަނޑިތީމުގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ޖިމްއެއް އަދި މީޓިންގ ރޫމެއްގެ އިތުރުން އެކި ބާވަތުގެ ބޯޑު ގޭމްތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މި ސެންޓަރަކީ ރަށުގެ ޒުވާނުންނަށް ހަށިހެޔޮކަމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިމާރާތްކުރެވޭ މުހިންމު މަރުކަޒަކަށް ވެގެންދާނެއެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ވަސީލަތްތައް ޤާއިމުކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި ސެންޓަރު އިމާރާތްކޮށް ނިމުމުން ކަނޑިތީމުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން