ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ކަނޑިތީމުގައި އަންނަ އަހަރު ހިންގޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ކަނޑިތީމުގައި އަންނަ އަހަރު ހިންގޭނެ: ރައީސް

ކަނޑިތީމު ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދިނުމުގެ ބޮޑު މަޝްރޫއެއް އަންނަ އަހަރު ހިންގޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ ދަށުން ދަނޑު ތަރައްޤީކުރެވޭނީ މިހާރުގެ ޒަމާނީ ފެންވަރަށެވެ.

ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގެންނަން ހަމަޖެހިފައިވާ ބަދަލުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، "މިހާރު ހުރިހާ ދަނޑުތަކެއްވެސް ހަދަނީ ފެންސް ޖަހާ ވަށާފާރު ރާނާ ލައިޓްހަރުކޮށް ޗޭންޖިން ރޫމުވެސް ހިމެނޭ ގޮތަށް" ކަމަށެވެ.

"މިއަންނަ އަހަރު އަޅުގަނޑުމެން ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދާ މަޝްރޫއެއްގެ ގޮތުގައި މިރަށުގެ ދަނޑު ތަރައްޤީކޮށްދިނުމަށްޓަކައި މި ދެންނެވި ހުރިހާ ކަމެއް ހިމެނޭހެން ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ފުރިހަމަކޮށްދިނުމުގެ މަޝްރޫއެއް ކުރިޔަށް ގެންދަން. އިރާދަކުރެއްވިއްޔާ އެގޮތުގައި އެކަން ކުރިޔަށްދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ކަނޑިތީމުގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ޒުވާނުންނަށް ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން