ގޮއިދޫ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށް ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގޮއިދޫ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށް ބިންގާ އަޅައިފި

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، އެ ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައި ދެއްވީ އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.

މި މަޝްރޫޢަކީ ގޮއިދޫގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެކެވެ. ސެންޓަރުގެ މަސައްކަތް ނިމުމުން ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފެނަކައާ ހަވާލުކުރުމާ ގުޅިގެން، އެ ކުންފުނިން ވަނީ މި މަޝްރޫޢުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައެވެ. އަދި ސެންޓަރު ހިންގުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ގޮއިދޫގައި ކުނި މެނޭޖްކުރާ ސެންޓަރެއް ޤާއިމްކުރުމަކީ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ކަމެކެވެ. މި މަޝްރޫޢު ފެށުމާއެކު ރަށުގެ ތިމާވެށި ހިމާޔަތްކޮށް، ސާފު ރަށަކަށް ހެދުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ރައްޔިތުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން