ށ. ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙަސަން ރަޝީދު އަދި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
796 މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫއަކީ ފަރުމަސްވެރިކަމާއި ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ރަށުގެ ބަނދަރުގެ ދަތިކަން ރައްޔިތުން ތަޙައްމަލު ކުރާތާ ޒަމާންތަކެއް ވެފައިވާއިރު، ރަށް އޮންނަ ސަރަހައްދުގެ ގޮތުން ހއ. އަދި އުތުރުގެ އެހެން އަތޮޅުތަކަށް ދަތުރުކުރުމަށް ގޮއިދޫ ބަނދަރު ވަރަށް ގިނައިން ބޭނުންކުރެވެއެވެ.
68.39 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 39,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 238 މީޓަރުގެ އެއްގަމުތޮށި ލުމާއި، 103 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 374 މީޓަރުގެ ބޭރުތޮށި ލުމާއި، 27 މީޓަރުގެ މޫދުތެރެއަށް ވާގޮތަށް ބޭރުތޮއްޓެއް ލުމާއި، 2235 އަކަ މީޓަރުގެ ޕޭވްމަންޓް އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ކުރެވޭނެއެވެ.
450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢު ނިމުމުން، މަސްވެރި އުޅަނދުތައް އެޅުމަށާއި، މުދާ އަރުވައި ބޭލުމަށް ފަސޭހަ، ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ދަނޑުވެރިކަމުގެ މުދާ އެކްސްޕޯޓް ކުރުމަށް މި ބަނދަރުން ލިބިގެންދާނެ ފަސޭހަތައް ފާހަގަކޮށްލެވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައި އުފެދުނު މި ކުންފުނިން، ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.