ށ.ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ.
އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އެވެ. މި މަޝްރޫޢުގެ ދަށުން ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރަށުގެ މަގުތަކުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީކުރެވިގެންދާނެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން ގޮއިދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.