ބިލެތްފައްސަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބިލެތްފައްސަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. ބިލެތްފައްސަށް ވަޑައިގެންނެވިއެވެ. މިއީ އެމަނިކުފާނު މި ދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރުވަނަ ރަށެވެ. ރަށަށް ޑރ. މުޢިއްޒު ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބިލެތްފަހީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ބިލެތްފަހީގައި ހިންގުމަށް ހަމަޖެހިފައިވާ އެކި މަޝްރޫޢުތަކުގެ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައެވެ. މިގޮތުން ބިލެތްފަހި ބިންހިއްކުމާއި، އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރެވޭ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން ހިމެނެއެވެ.

އަދި މީގެއިތުރުން، ބިލެއްފަހީގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމާއި، އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާއާއި ފިޓްނަސް އެންޑް ރެކްރިއޭޝަން އިމާރާތުގެ ބިންގާ އެޅުއްވުންވެސް މި ދަތުރުފުޅުގައި ހިމެނިފައިވެއެވެ.

މި މަޝްރޫޢުތަކަކީ ބިލެތްފަހީގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢުތަކެއް ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ޚާއްޞަކޮށް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުޅި އަތޮޅަށް ލިބިގެންދާނެ ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން