ށ. ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށް، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުޝާމް އަލީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.
މި މަޝްރޫޢުގެ ދަށުން 36 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ރަންވޭއެއް އެޅުމާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ. މި އެއަރޕޯޓް ތަރައްގީކުރުމުން ށ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އަތޮޅުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ބިލެތްފަހި އެއަރޕޯޓަކީ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި އެއަރޕޯޓް ނިމުމުން އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.