ލާމަރުކަޒީ ނިޒާމުގެ ހަޤީގީ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވަމުންދަނީ މި ސަރުކާރުން ކަމަށް ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ބިލެތްފަހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަތަނުގައި 4 ރައީސުންނާއި ބައްދަލުވެގެން ދިޔައިރު ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ތަންފީޒުކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވަނީ ރައީސް މުޢިއްޒެވެ.
"މިއަދުގެ ރައީސަކީ ލާމަރުކަޒީ ނިޒާމު އަޅުގަނޑުމެނާއި ހިސާބަށް އޭގެ ފޮނިމީރުކަން ހަގީގީ މާނައިގަ ގެނެސްދެން މަސައްކަތް ކުރާ ރައީސްއެއްކަމަށް އަޅުގަނޑު ގަބޫލުކުރަން،" ބިލެއްފަހި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ޒިޔާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒުއަކީ ވަރަށް ޖެހިލުންކުޑަ އަދި ހިތްވަރުގަދަ ބޭފުޅެއެވެ. އަދި މީގެ ކުރިން ރާއްޖޭގައި ހައްލުނުވެ އިންތިހާއަށް ބޮޑުވެފައި ހުރި މައްސަލަތައް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހައްލު ކޮށްދެއްވުމަށް މަސައްކަތްކުރައްވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ބައެއް ފަރާތްތަކުން ނޭދެވޭ ވާހަކަތައް ދެއްކި ނަމަވެސް، މިހާރު ފެންނަމުން ދަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ މަންޒަރު ކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ. އަދި ބިލެތްފަހީގެ ތަރައްގީއާ ގުޅޭގޮތުން ރައީސްއާ ހިއްސާކުރެއްވި ހުރިހާ ކަމަކަށްވެސް ރައީސްގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް އުންމީދީ ޖަވާބުތަކެއް ކަމަށާއި، ރައީސް ވިދާޅުވި ގޮތަށް އެ ކަންކަން ނިމިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.