އަތޮޅު ކައުންސިލްތައް އުވާލުމާއެކު އަންނަ އަހަރުން ފެށިގެން ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބޭ އިންސައްތަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމާއެކު އަންނަ އަހަރުން ފެށިގެން ބްލޮކް ގްރާންޓްގެ ގޮތުގައި ސިޓީ ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް ލިބޭ އިންސައްތަ ބޮޑުވާނެ ކަމަށެވެ.
"އަތޮޅު ކައުންސިލްތައް އަޅުގަނޑުމެން މިއުވާލަނީ، އުވާލީމަ ދެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަޖެޓު ހަމަޖައްސާއިރު، ރަށު ކައުންސިލްތަކަށް މިހާރު ލިބޭ އިންސައްތަ އެބަ ބޮޑުކުރަން. ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ޢަދަދު ބޮޑުވާނޭ ނިސްބަތުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާގެ ޢަދަދުވެސް އިތުރުވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށާއި، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެނިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިއްޕެވުމަށް ގޮވާލައްވާފައެވެ. އަދި މި އުސޫލުން ގެންނަވާ ހުރިހާ ބަދަލަކީވެސް ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއްކަން ފާހަގަކުރައްވާފައިވެއެވެ.