ﷲ ތަޢާލާ ހަވާލުކުރެއްވެވި މަސްއޫލިއްޔަތަށް އިސްކަންދޭނަމަ ﷲ ތަޢާލާ ހުއްދަކުރެއްވެވި އެއްވެސް މަސައްކަތެއް ކުރާކަށް އަންހެނުންނަކަށް އެއްވެސް ހުރަހެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ﷲ ތަޢާލާ ހަވާލުކުރެއްވެވި މަސްއޫލިއްޔަތަށް އިސްކަންދޭނަމަ ﷲ ތަޢާލާ ހުއްދަކުރެއްވެވި އެއްވެސް މަސައްކަތެއް ކުރާކަށް އަންހެނުންނަކަށް އެއްވެސް ހުރަހެއް ނެތް!

ލޮބުވެތި ކަނބަލުންނޭވެ! ހުރިހާ ކަމެއް އިހަށް އެއްފަރާތުގައި ބަހައްޓާށެވެ! ﷲ ތަޢާލާ ތިމާ އާއި ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކޮބައިކަމާއިމެދު ވިސްނައިލާށެވެ! އެހެން ހުރިހާ ކަމެއް އެއިގެ ފަހަތުން ގެންނާށެވެ!   

އަންހެނަކަށް ފުރަތަމަ މަސްއޫލިއްޔަތަކީ ފިރިމީހާއަށްޓަކައި ތިމާގެ ދެއަތުން ކޮށްދޭންޖެހޭ ކަންކަމެވެ. ދަރިން ލިބުމަށްފަހު އެދަރިންނަށްޓަކައި ތިމާ ކޮށްދޭންޖެހޭ ކަންކަމެވެ. މިއިން އެއްވެސް މަސްއޫލިއްޔަތަކީ ކިތަންމެ ތަނަވަސް ނަމަވެސް އެހެން މީހަކާއި ޙަވާލުކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. ޙަވާލުކޮށްފިނަމަ، ކޮންމެވެސް ދުވަހަކު، ކޮންމެވެސް ހިސާބަކުން އެކަމަށް ދެރަވެ ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ.  

އެކަން އެހެން ދިމާއެވަނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަސްއޫލިއްޔަތުގެ ކުރިއަށް އެހެންކަންކަން ނެރެވޭތީއެވެ. މުޅި ދުނިޔެ މިބަހާއި ނުރުހުނަސް މިކަން ހިނގަމުންދާނީ މިގޮތަށެވެ. އެހެނީ ﷲ ތަޢާލާ ކޮންމެ މީހަކާއިވެސް މަސްއޫލިއްޔަތުތައް ޙަވާލުކުރައްވަވަނީ އެކަމަކުން އެމީހަކަށް އެންމެ ބޮޑަށް ފައިޑާކުރާނެ ގޮތަށްކަމުގައިވާތީއެވެ. އެހެންކަމަށްވާއިރު އެއަށްވުރެ މޮޅު ގޮތެއް އަހުރެމެން ހޯދާނީ ކިހިނަކުންހެއްޔެވެ؟  

މިކަންކަން ކުރަން ހުރަސް ނުއެޅޭ ގޮތަށް، މިކަންކަން ކުރަމުން ޢަބުރުވެރިކަމާއި ޝަރަފްވެރިކަމާއިއެކު އަދާކުރަންލިބޭ އިތުރު މަސައްކަތްތައް ކުރުމަކީ މައްސަލައެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް އަންހެނުންވަނީ ވިޔަފާރިކޮށްފައެވެ. މިއުންމަތުގެ މައިކަމަނާ ޚަދީޖަތުގެފާނަކީ ވިޔަފާރީގައި އަރައި އިންނެވި ބޭކަނބަލެކެވެ.  

އެޒަމާނުގައިވެސް އަންހެން ޞަޙާބީން ވަނީ ވިޔަފާރި ނޫން އެހެން މަސައްކަތްތައްވެސް ކޮށްފައެވެ. އެކަމުން އަންގައިދެނީ އަންހެނުންނަކީވެސް ހަމަ މަސައްކަތްކުރަންވީ ބައެއް ކަމެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން