ﷲ ތައާލާ ދެއްވަވާ މިންވަރަށްވުރެ ގިނައިން ޚަރަދުކުރަން މީހަކު ބޭނުންވާނަމަ އޭނާއަކީ ކިބުރުވެރި ބޮޑާ މީހެއް! ދާނީ އިތުރަށް ދެރަވެ ނިކަމެތިވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ﷲ ތައާލާ ދެއްވަވާ މިންވަރަށްވުރެ ގިނައިން ޚަރަދުކުރަން މީހަކު ބޭނުންވާނަމަ އޭނާއަކީ ކިބުރުވެރި ބޮޑާ މީހެއް! ދާނީ އިތުރަށް ދެރަވެ ނިކަމެތިވަމުން!

ﷲ ތައާލާ ދެއްވަވާ މިންވަރަށްވުރެ ގިނައިން ޚަރަދުކުރަން މީހަކު ބޭނުންވާނަމަ އެއިގެ މާނައަކީ އޭނާއަކީ ކިބުރުވެރި ބޮޑާ މީހެއް ކަމެވެ. އެގޮތަށް އެކަން ކުރަން އުޅޭ ކޮންމެ މީހަކު ދާނީ އިތުރަށް ދެރަވެ ނިކަމެތިވަމުންނެވެ. އިތުރުތަކުލީފްތައް ކުރިމަތިވަމުންނެވެ.  

އެވަރަށް އާމްދަނީ ނުލިބޭނަމަ އެންމެ ފަހުގެ އެންމެ އަގުބޮޑު ފޯނު ގެންގުޅޭކަށް ނުޖެހެއެވެ. ކޮންމެހެން ކުރަން ޖެހޭ ބޭނުންތައް ފުއްދައިލެވޭވަރުގެ ފޯނެއް ގެންގުޅުމުންވެސް ފުދޭނެއެވެ. ގޭގައި އެންމެ އަގު ބޮޑު ފަރުނީޗަރު ބަހައްޓާކަށް ނުޖެހެއެވެ. އާމްދަނީ އެވަރަށް ނުލިބޭނަމަ ކިރިޔާ ފުދޭވަރުގެ ތަކެތި ބެހެއްޓުމުން ފުދޭނެއެވެ. 

އެންމެ ފަހުގެ ކާރު ދުއްވައި އެންމެ ފަހުގެ ފޯނު ގެންގުޅެ ގޭގައި އެންމެ އަގުބޮޑު ފަރުނީޗަރު ބަހައްޓަން ބޭނުންވަނީ ތިމާއަށް ނުލިބޭ ވަރުގައިވެސް ލިބޭކަން ދެއްކުމަށެވެ. އެއީ ދެއްކުންތެރިކަމެވެ. ދެއްކުންތެރިކަމަކީ އެންމެ ނުބައި އެއް ސިފައެވެ. ދެއްކުންތެރިކަން ހުންނަ މީހުންނަކީ ﷲ ތަޢާލާ ލަޢްނަތް ލައްވަވާ ބައެކެވެ. އެމީހަކަށް ﷲ ތަޢާލާ ލައްނަތް ލެއްވެވުމުން ދެން ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ ދާންޖެހޭޜނީ ހައްތާ ފަހަތަށް ނޫން ހެއްޔެވެ؟

ރަނގަޅު އާމްދަނީ ލިބުނުއިރު ކައި އުޅުނީ އަގުބޮޑު ރެސްޓޯރަންޓްތަކުން ކަމަށްވެދާނެއެވެ. ފުރަތަމަ ކަމަކީ އަތުގައި ފައިސާ ހުރިނަމަވެސް އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކުން ކެއުމަށް ޚަރަދުކުރުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައި އުޅެންވާނީ މެދުމިނު ތަންތަނުންނެވެ. މަސައްކަތު އުޅޭ ވަގުތުތަކުގައިވެސް އެހެން މީހުން އަގުބޮޑު ރެސްޓޯރަންޓްތަކުން ކާތީ އެފަދަ ތަންތަނުން ކާކަށް ނުޖެހެއެވެ. ކެއުމަށް ޚަރަދުކުރަންވާނީ މެދުމިނަކަށެވެ. އަމުދުން އާމްދަނީ ލިބުން މަދުވެއްޖެ ނަމަ ކާން ޖެހޭނީ ލިބޭ އާމްދަނީއަކުން ފުދިގެން ކެވޭނެ ތަންތަނުންނެވެ.  

އާމްދަނީ ނުލިބޭނަމަ އެއްރަށުން އަނެއް ރަށަށް ދިއުމަށް ފްލައިޓުތަކުން ދަތުރުކުރާކަށް ނުޖެހެއެވެ. ގިނަ ވަގުތު ހޭދަކުރަން ޖެހުނު ނަމަވެސް އަގުހެޔޮކޮށް ދަތުރުކުރެވެން އޮތް ގޮތަކަށް ދަތުރުކުރާށެވެ! ލިބޭ މިންވަރަށް ޝުކުރުވެރިވުމަކީ އެއީއެވެ.   

ވީމާ މި ފާހަގަކުރި ކަންކަމަށް ވިސްނާށެވެ!  އެއިރެއްގައި ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިވެގެން ދިރިއުޅެން މަސައްކަތްކުރާށެވެ! ލިބޭ މިންވަރަށް ބިނާކޮށްގެން ޚަރަދުކުރާށެވެ! އެ ގޮތުގައި ހިފަހައްޓައިއިގެން ނޫނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.  

ގިނަ ބައަކު ތަކްލީފްތަކާއިއެކު ދިރިއުޅެން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ހާމަކުރެއެވެ. ދުނިޔޭގައި އުޅޭއިރު ތަކްލީފްތަކާއިއެކު ދިރިއުޅެން ޖެހުމަކީ ﷲ ތަޢާލާ ކުރައްވަވާ އިމްތިޙާނެއް ކަމަށް އަހަރެމެން މުސްލިމުން ޤަބޫލުކުރަމުއެވެ. ހިތާމައަކީ ތަކްލީފްތަކާއިއެކު ދިރިއުޅެން ޖެހިފައިވާ ގިނަ މީހުންނަށް އެ ޙާލަތު ކުރިމަތިވެފައިވަނީ އެމީހުންގެ ސަބަބުން ކަމެވެ.  

މިސާލަކަށް ބަލާއިރު އެއް ކަމަކީ ދިރިއުޅުން ހަމަޖައްސަން ނުއެނގުމެވެ. ނުވަތަ ފޭލްވުމެވެ. އެއްވެސް މީހަކަށް އަބަދު އެއްވަރަކަށް އާމްދަނީއެއް ނުލިބޭނެއެވެ. ބަލިވުމުންނާއި ވަޒީފާ ގެއްލުން ފަދަ ކަންކަމުގެ ސަބަބުން ވަރަށް ނިކަމެތި ޙާލަތު ވެސް ކުރިމަތިވާނެއެވެ. ދެރަ ގޮތްތައްވެސް މެދުވެރިވާނެއެވެ. ކުރިން ބުނިފަދައިން އެއީ އަހަރެމެންނަށް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ.  

މީހަކީ މަހަކު 10000 ދިރުހަމް ލިބޭތީ ތަނަވަސް ދިރިއުޅުމެއް އުޅެމުން އައި މީހަކަށްވެދާނެއެވެ. ދިމާވި ގޮތަކުން ވަޒީފާ ގެއްލުން ފަދަ ކަމެއް މެދުވެރިވީއެވެ. ދެން ލިބުނު ވަޒީފާގައި ލިބޭ މުސާރައަކީ 5000 ދިރުހަމް ކަމަށްވެ ދަތިޙާލެއްގައި ދިރިއުޅެން ޖެހުނީއެވެ. ކުރަމުން އައި ވިޔަފާރިއަށް އައި ބަދަލަކުން ނުވަތަ ލިބުނު ގެއްލުމަކުން ލިބޭ އާމްދަނީ މަދުވީއެވެ. އެފަދަ ޙާލަތުގައިވެސް ގިނަ ބައަކު ދިރިއުޅެން ބޭނުންވަނީ ކުރިން ދިރިއުޅުނު މުއްސަނދިކަމުގައެވެ. އެހެން މީހުންގެ ކުރިމަތީގައި ތިމާއަކީ ތަނަވަސް މީހަކު ކަމަށް ދައްކައިގެންނެވެ. މީސްތަކުން ބުނެފާނެ އެއްޗަކަށް ލަދުންނެވެ.  

ޙަޤީޤީ މުއްސަނދިންނަކީވެސް އަދި ޝަރަފްވެރިންނަކީވެސް ނުދަރައި ސަލާން ނުޖަހައި ދިރިއުޅޭ މީހުންނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން