އިބިލީސް މާޔޫސްވެ ރޮޔެ ލޮލުން ކަރުނަބާލިދީތައް ބޭލި އާޔަތް- އަހުރެމެންނަށް އޮތް އެންމެ ބޮޑު އުފާވެރި ޚަބަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އިބިލީސް މާޔޫސްވެ ރޮޔެ ލޮލުން ކަރުނަބާލިދީތައް ބޭލި އާޔަތް- އަހުރެމެންނަށް އޮތް އެންމެ ބޮޑު އުފާވެރި ޚަބަރު!

އަނަސް ބިން މާލިކް (ރޢ)ގެ އަރިހުން ރިވާވެގެންވާ ގޮތުގައި މި އާޔަތް ބާވައި ލެއްވެވުމުން އިބިލީސް ލޮލުން ކަރުނައަޅައި ރުޔެވެ. އެއީ އޭތި ކިތަންމެ މަސައްކަތެއް ކޮށްގެން ،މީސްތަކުން މަގުފުރެއްދައި ބޮޑެތި ފާފަތައް ކުރުވި ނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތުމުންނެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފަކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސްތަކަށް އަނިޔާވެރިވެއްޖެ ނަމަ، (އެބަހީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް އެއުރެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި، ފާފަތައް ފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ޙާލް އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." ( އާލްޢިމްރާން :135). 

މިއާޔަތުގައި އެވަނީ އެންމެ ގިނައިން މީސްތަކުންނަށް ކުރެވޭނެ ފާފައިގެ ވާހަކައެވެ. އެއީ ފާހިޝް ޢަމަލުކުރުމެވެ. އިންސާނުންގެ ނަފްސަށް ބަލާއިރު ކިތަންމެ ބޮޑު ތަޤްވާވެރިއަކަށްވެސް ފާހިޝް ޢަމަލެއް ކުރެވިދާނެއެވެ. މިއާޔަތުގައި އެވަނީ އެފަދަ ޢަމަލެއް ކުރެވުމުން ތައުބާވެއްޖެނަމަ އެމީހާގެ ފާފަ ފުއްސަވައިދެއްވަވާނެ ކަމެވެ. އަދި މީސްތަކުންނަށް އޮތީ ފާފަ ތަކުރާރު ނުކުރަން މަސައްކަތްކުރުމެވެ. އީމާންކަމުގައި ށާބިތުވާން މަސައްކަތްކުރުމެވެ.  

ހަމަ އެއާޔަތާއިވިދިގެން އޮތް އާޔަތުގައި އެވަނީ ތައުބާވުމުން ދެއްވަވާނެ ރަހްމަތުގެ ބޮޑޫކަމެވެ.  

"އެއުރެންގެ ޖަޒާއަކީ އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެ ތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލުކުރާމީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ." ( އާލްޢިމްރާން :136) 

މީސްތަކުންނޭވެ! އިންސާނުން ކަމުގައިވީތީ ފާފަތައް ކުރެވޭނެއެވެ. ފާފައެއް ކުރެވުމުން އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ތައުބާވުމަށް އަވަސްވެގަތުމުން އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވައި ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. މީހަކަށް ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގެންފިނަމަ އިބިލީސް ކަރުނައަޅައި ރޯނެއެވެ. އެއީ އޭނާ ކުރި ހުރިހާ މަސައްކަތެއް ފޭލްވެގެންދާތީއެވެ. މަސައްކަތްކުރަންވީ އިބިލީސް ހެއްވުމުެ ބަދަލުގައި ރޮއްވާ މީހަކަށްވުމަށެވެ. އެފަދަ މީހަކަށް ވެވުމުން އެމީހަކަށް ﷲ ތަޢާލާ ސުވަރުގޭގެ މަތިވެރި ދަރަޖަތައް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން