ﷲ ތަޢާލާ ހެކިކޮށް ނެގި ދަރަންޏެއް އަދާކުރަން އެއްބަސްވި ދުވަހަށް އެރަށަށް ގެންގޮސްނުދެވުމުން އޮޔާލީމާ ކަނޑުހުރަސްކޮށް ގޮސް އެމީހާއަށް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ﷲ ތަޢާލާ ހެކިކޮށް ނެގި ދަރަންޏެއް އަދާކުރަން އެއްބަސްވި ދުވަހަށް އެރަށަށް ގެންގޮސްނުދެވުމުން އޮޔާލީމާ ކަނޑުހުރަސްކޮށް ގޮސް އެމީހާއަށް ލިބުނު ގޮތުގެ ވާހަކަ-

އަހުރެން މިވާހަަކ މީގެ ކުރިންވެސް އެތައް ފަހަރަކު އެތައް ބައްދަލުވުމެއްގައި ކިޔައިދީފީމެވެ. މިރޭވެސް މިއުޅެނީ ކިޔައިދޭށެވެ. އެއީ ދަރަންޏަށް ނެގުމަށްފަހު އެއްބަސްވާ ގޮތަށް އަނބުރާ ނުދައްކާ މީހުން ގިނަވެ މީސްތަކުންގެ އިތުބާރު ގެއްލިގެންދާތީއެވެ. ދަރަންޏަށް ފައިސާނަގައި ނުބައި ގޮތުގައި ބޭނުންހިފާތީ ގިނަ ބައަކު ބަނގުރޫޓުވަމުންދާތީއެވެ. މިކަންކަމަށް މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތްކުރަންޖެހިފައިވާތީއެވެ.  

މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ޙަޤީޤީ ޙާދިސާއެއްގެ ވާހަކައެކެވެ.  

މީހަކު 1000 ދީނާރަށް ބޭނުންވެގެން ދަރަންޏަށް އެ ފައިސާ ދޭނެ މީހަކު ހޯދަމުން ދަނިކޮށް މީހަކު އެފައިސާ ދޭން އެއްބަސްވިއެވެ. ނަމަވެސް 2 ކަމެއް ކުރިމަތިކުރުވިއެވެ.  

ފުރަތަމަ ކަމަކީ އެކަމަށް ހެކިވާނެ މީހަކު ދެއްކުމެވެ. އޭނާގެ ޖަވާބަކަށްވީ ހެކިވެރިއަކު ކަމުގައި ﷲ ތަޢާލާ ފުދިވޮޑިގެންވެއެވެ.   

ދެވަނަ ކަމަކީ ފައިސާ އަނބުރައި ނުދެއްކިއްޖަނަމަ ދައްކާނެ ކަމުގެ ގަރަންޓީ ދޭނެ މީހަކު ދެއްކުމެވެ. އެކަމަށްވެސް އޭނާ ބުނީ ﷲ ތަޢާލާ ފުދިވޮޑިގެންވާ ކަމަށެވެ.  

އެކަން ޤަބޫލުކޮށް އޭނާއަށް ފައިސާ ދިނެވެ. ފައިސާ ހޯދި މީހާއަކީ އެހެން ރަށެއްގައި އުޅޭ މީހަކަށްވާތީ އެރަށަށް ދެވެނީ ކަނޑު ހުރަސްކޮށެވެ. އޭނާ އެފައިސާ ހިފައިގެން ގޮސް އެއިން ވިޔަފާރިކުރުމަށްފަހު ދަރަނި އަދާކުރަން އެއްބަސްވި ދުވަހު އެރަށަށްދާން އަތިރި މައްޗަށް ދިއައިރު ފުރާ އުޅަނދެއް ނެތުމުން ދެވޭނެ ގޮތެއް ނެތެވެ.  

އޭނާ ކަންބޮޑުވީ ވަރުން ލަކުޑިބުރިއެއްގައި ލޯވަޅެއް އަޅައި އެލޯވަޅަށް 1000 ދީނާރު އަޅައި އަދި ނޯޓެއްވެސް ލިޔެފައި ލުމަށްފަހު ލޮނު ނުވަންނާނެ ގޮތަށް ވަރަށް ރަނގަޅަށް ބަންދުކުރިއެވެ. އަދި އެ ލަކުޑިބުރި ހިފައިގެންގޮސް ﷲ ތަޢާލާއަށް ވަކީލުކޮށް ލަކުޑިބުރި އޮޔާލިއެވެ.  

ﷲ ތަޢާލާގެ އިރާދަފުޅުން އެލަކުޑިބުރި ހޮވުނީ ފައިސާދިން މިހާއަށެވެ. ލަކުޑިބުރި ހިފައިގެންގޮސް ބުރިކޮށްލަން އުޅެނިކޮށް ފައިސާ އާއި ނޯޓް ފެނުނެވެ.  

ދަރަނި ނެގިމީހާ ލަކުޑިބުރި އޮޔާލުމަށްފަހު މަޑުން ހުރީއެއް ނޫނެވެ. ފުރަތަމަ ފުރި އުޅަނދުން ގޮސް ދަރަނި ދިން މީހާއާއި ބައްދަލުކޮށް 1000 ދީނާރު އޭނާގެ އަތަށް ދީފައި ވައުދުވި ދުވަހު ނާދެވުނު ސަބަބު ކިޔައިދީ މާފަށް އެދުނެވެ.  

ޖަވާބުގައި ދަރަނިދިން މީހާ ބުނީ ލަކުޑިބުރި އޭނާއަށް ލިބިފައިވާ ކަމަށާއި ފައިސާ އާއި ނޯޓުވެސް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ބޭނުންނުވާކަމަށެވެ.  

މީސްތަކުންނޭވެ! ތަޤްވާވެރިވުމަކީ މިއީއެވެ. ތަޤްވާވެރިންދެކެ ﷲ ތޢާލާ ލޯބިވެވޮޑިގެންވާކަން ކީރިތި ޤުރްއާނުގެ 3 ތަނެއްގައި ވަނީ ބަޔާންކުރައްވަވައިފައެވެ. އެ 3 ތަނުގައިވެސް ވަނީ ވައުދާއި އަހުދު ފުއްދާ މީހުންގެ ވާހަކައެވެ. އެމީހުން ދެކެ ލޯބިވެވޮޑިގަންނަވާ ވާހަކައެވެ.  

"އެހެންނަކުން ނޫނެވެ! އެމީހެއްގެ އަހުދު އެމީހަކު ފުރިހަމައަށް އަދާކޮށް، ތަޤްވާވެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން، ތަޤްވާވެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް ޢިމްރާން: 76)

 

- ޝައިޚް ޢަބްދުލްމަޖީދު މަހްމޫދުގެ ދަރުސަކުން

 

  

 

މިއަދު އޮންލައިން