ފިރިމީހާ އަނބިމީހާއަށް އަޅައިނުލައި އަނބިމީހާ ދަރިންނަށް ފަރުވާކުޑަކުރާތީ ޝަކުވާކުރުމަކުން ފައިދާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފިރިމީހާ އަނބިމީހާއަށް އަޅައިނުލައި އަނބިމީހާ ދަރިންނަށް ފަރުވާކުޑަކުރާތީ ޝަކުވާކުރުމަކުން ފައިދާއެއް ނުކުރާނެ!

ދަރިންގެ ކަންކަން ވީހާ ރަނގަޅަކަށް ކުރުމަކީ މަންމައާއި ބައްޕަގެ މައްޗަށްވެސް އޮތްވާޖިބެކެވެ. ވާޖިބުތައް އަދާކުރަންވެސް ހިތްވަރުލިބޭނީ ވަށައިޖެހޭ އުޞޫލަކުންކަން ޤަބޫލުކުރަންވާނެއެވެ. ދަރިންގެ މައްޗަށް މަންމަ ނުވަތަ ބައްޕަވިޔަސް ފަރުވާކުޑަކުރާނަމަ އެކަމަށް ރުޅިއަންނަންޖެހޭނީ އެކަން މެދުވެރިވާ ސަބަބުތަކަށް ބެލުމަށްފަހުގައެވެ. ސަބަބެއް އޮތްނަމަ އެސަބަބު ނައްތައިލުމަށްފަހުގައެވެ.  

އަހުރެން މިވަޤުތު ބަލައިލަން މިއުޅެނީ ދަރިންނާއިމެދު މައިން ފަރުވާކުރާތީ ރުޅިގަދަކުރާ ފިރިންނަށެވެ. ބައެއް ފިރިންނަކީ ގެއަށް އައުމަށްފަހު އަނބިމީހާއަށް މާބޮޑު ސަމާލުކަމެއްދޭ ބައެއް ނޫނެވެ. އެކަމަކު އެމީހުންގެ ދަރިންނަށް ސަމާލުކަން ދެއެވެ. ދަރިންގެ ކަންކަން ނުކުރެވިހުރިނަމަ ޝަކުވާ ކުރެއެވެ.  

މިޘާލަކަށް އަނބިމީހާ ފެންނުވަރައި ގައިންތާހިރުނުވެ ހުރިނަމަވެސް އެއީ ކީއްވެގެންތޯ ސުވާލެއް ނުކުރާނެއެވެ. ދަރިން ފެންނުވަރުވައިތިބިނަމަ ސުވާލުކުރާނެއެވެ. ޝަކުވާކޮށް އެއީ ބޮޑު މައްސަލައަކަށް ހަދާނެއެވެ.  

ދަރިންގެ ކަންކަން ނުކުރެވިހުރިނަމަ ޝަކުވާ ނުކުރާކަށް ނުބުނާނަމެވެ. ނަމަވެސް އެއިގެ ކުރިން ވިސްނާލަންޖެހޭ ކަމެއް އެބައޮވެއެވެ. އެއީ އެދަރިންނަށް ޚިދުމަތްކުރަންހުރި އެކުދިންގެ މަންމަ އާއިމެދު ވިސްނައިލުމެވެ. އޭނާއަށް ބޭނުންވާ ސަމާލުކަންދީ އަޅައިލުމެވެ. އޭނާއަށް ހިތްހަމަޖެހުން ހޯދައިދީ އުފަލުގައި ބަހައްޓަން މަސައްކަތްކުރުމެވެ.  

ދަރިން ދެކެ ކިތަންމެ ލޯބިވާ މަންމައަކަށް ނަމަވެސް އޭނާއަށް ބޭނުންވާ ލޯތްބާއި އަޅައިލުން ނުލިބޭނަމަ އޭނާ ހުންނާނީ ހިތްހަމަޖެހިގެނެއް ނޫނެވެ. ކަންބޮޑުވުމުގައެވެ. އެޙާލަތުގައި ހުންނަން ޖެހުމުން އަޅައިލަން ޖެހޭ މިންވަރަށް އޮންނާނީ ދަރިންނަށްވެސް އަޅައިނުލެވިފައެވެ. އެހެން އެވަނީ ދަރިންދެކެ ލޯބިނުވާތީއެއް ނޫނެވެ. ހިތަދަތިވީމާ ލިބޭ މާޔޫސްކަމުގެ ސަބަބުންނެވެ.  

މިބުނި ޙާލަތުގައި އަނބިމީހާއަށް ފަރުވާކުޑަކުރެވޭނީ ހަމައެކަނި ދަރިންނަކަށް ނޫނެވެ. ޚުދު އޭނާގެ ނަފްސަށްވެސް ފަރުވާކުޑަކުރެވޭނެއެވެ. އެކަންކަން އެގޮތަށްވާނެކަން ޤަބޫލުކުރެވިގެން ނޫނީ ދަރިންނަށް އުފާވެރިކަން ހޯދައިނުދެވޭނެކަން ބައްޕައިންނަށް ޤަބޫލުކުރެވެން އެބަޖެހެއެވެ. ނޫންނަމަ ދަރިންނާއިމެދު ކުރާ އުންމީދުތައް ފުރިހަމަނުކުރެވޭނެކަން ޤަބޫލުކުރަން އެބަޖެހެއެވެ. މައްސަލަ ޙައްލުކުރެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން